ނިއުދިއްލީ (ޑިސެމްބަރު 31) : އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ބަހެއްގައި ހަ މީހުންގެ ގްރޫޕަކުން ރޭޕްކުރި 23 އަހަރުގެ އަންހެން ދަރިވަރު މަރުވުމާ ގުޅިގެން ހިތްފަޅައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ވަރަށް އަސަރާއެކުއިންޑިޔާގެ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ނާރީން ސިންގް ވާހަކަ ދައްކަވައިފި އެވެ.

އޭނާ ވިދާޅުވީ މިޖަރީމާ ހިންގި މުޖްރިމުންނަށް އިންޑިޔާގެ ޤާނޫނުގައި ދެވޭ އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ނަމަވެސް މައްސަލަ ނިންމާނީ ކޯޓުން ކަމަށެވެ. ކޯޓުން ނިންމާ ގޮތަކަށް ސަރުކާރުން ޢަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭޕްކޮށްލެވުނު އަންހެން ދަރިވަރު މަރުވުމާ ގުޅިގެން ދިއްލީގައި އެތަށް ހާސްބަޔަކު އެކަމުގެ ހިތާމަކުރަމުން އެބަގެންދެ އެވެ. މަރުވެފައިވާ ދަރިވަރަށާއި އޭނާގެ އާއިލާއަށް ހަމްދަރުދީ ފާޅުކުރުމުގެ ގޮތުންނާއި އެޖަރީމާ ހިންގި މުޖްރިމުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި އެތަށް ހާސްބަޔަކު ދިއްލީގައި އުއްބައްތި ދިއްލައިގެން ރޭގައި އެއްވުމެއްބާއްވާފައިވެ އެވެ. ރޭޕްކޮށްލެވުނު ދަރިވަރު މަރުވިކަން އިއްޔެ އިއުލާން ކުރުމާއެކު ދިއްލީގެ އެކިކަންކޮޅުތަކަށް ފުލުހުން ފެތުރިގަނެ ސަލާމަތީ ކަންކަންވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. މިއީ މަރުވި ދަރިވަރުގެ ހައްގުގައި ކޮށްފާނެ ހަރުކަށި މުޒާހަރާތަކަކަށް ތައްޔާރުވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ނަމަވެސް އިއްޔެވެސް އަދި ރޭވެސް ދިއްލީގެ މަގުތައްއޮތީ ހިމޭންކޮށެވެ. މަރުވި ދަރިވަރަށް އިޙްތިރާމު އަދާކުމުގެ ގޮތުންނާއި އޭނާގެ އާއިލާއަށް ހަމްދަރުދީ ފާޅުކުރުމުގެ ގޮތުން ބޭއްވި އުއްބައްތީގެ ހިމޭން އެއްވުން ފިޔަވައި އެހެން ޙަރަކާތްތަކެއް ދިއްލީގައި ހިނގާފައެއްނުވެ އެވެ.

އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި ކޮންގްރެސްޕާޓީގެ ޒަޢީމާ ސޯނިޔާ ގާންދީ ވެސްވަނީ ރޭޕްކުރެވުނު ދަރިވަރުގެ އާއިލާއަށް ހަމްދަރްދީ ފާޅުކުރައްވައި ޖަރީމާ ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރުމަށް ވަޢުދުވެވަޑައިގެންފަ އެވެ. ރޭޕްކޮށްލެވުނު 23 އަހަރުގެ ދަރިވަރު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް ނިޔާވެފައިވަނީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. އެ ކުއްޖާ މަރުވީ އާއިލާގެ މެންބަރު އޭނާގެ ކައިރީގައި ތިއްބައި ވަރަށް ހިމޭންގޮތަކަށް ކަމަށް ޚަބަރު ލިބެ އެވެ. ރޭޕްކުރުމުގައި އެއަންހެން ކުއްޖާއަށް ވަނީ ޖިންސީ އަނިޔާގެ އިތުރުން ބޮޑެތި ޖިސްމާނީ އަނިޔާތަކެއްވެސް ދީފަ އެވެ. މީގެތޭރޭގައި ރޭޕްކުރުމަށް ފަހު އެކުއްޖާގެ ހަށިގަނޑުގެ ޖިންސީ ނިޒާމަށް ތޫނުއެއްޗެއް ކޮއްޕާލުމާއި ރަހުމު ކުޑަ އެހެން އަނިޔާތައްވެސް ހިމެނެ އެވެ. (ބީ.ބީ.ސީ)