ކުލަ ގަދަ ރަސްމިއްޔާތަކަކާ އެކު ދިވެހި ރާއްޖޭގެ އަޑަށް 50 އަހަރު ފުރުމުގެ ރަންޔޫބިލް ރޭ ފާހަގަކޮށްފި އެވެ.

އަޑުގެ ރަންޔޫބިލު ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ނާއިބް ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވީ ވޭތުވެ ދިޔަ 50 އަހަރު ދިވެހި ރާއްޖޭގެ އަޑުގައި ހިދުމްތްކޮށްދެއްވާފައިވާ ފަރާތްތަކަކީ އެ ބޭފުޅުންނަށް ލިބުނު މުސާރަ އަށް އެކަންކުރައްވާފައިވާ ބޭފުޅުން ނޫން ކަމަށާއި އެ ބޭފުޅުން އެ ހިދުމަތްކޮށްދެއްވާފައި ވަނީ ގައުމުދެކެ ލޯބިވާތީ ކަމަށެވެ.

"ގައުމެއްގެ ބިނާކުރުމުގައި އެންމެ މުހިންމު ބަޔަކީ ރައީސް ޖުމްހޫރިއްޔާ ނުވަތަ ނާއިބު ރައީސް ނުވަތަ މިނިސްޓަރުންނެއް އެކަންޔެއް ނޫން. ވަރަށް ރީތިކޮށް ވަރަށް ސާދާކޮށް ގައުމެއް ބިނާކުރުމުގައި ވަރަށް އަގުހުރި ހިދުމަތްތަކެއް ގައުމުގެ ކޮންމެ މުއައްސަސާއެއްގައި މަސައްކަތްކުރާ ދަރިންތަކަކަށް ކުރެވިދާނެކަން، އަދި ކުރާނެކަން، އަދި ކޮށްފައިވާކަން، މިރޭ އަޅުގަނޑުމެނަށް އެބަސާބިތުވެގެން ހިނގައްޖެ،" ނާއިބް ރައީސް ވިދާޅުވި އެވެ.

ނާއިބް ރައީސްގެ ވާހަކަފުޅުގައި ދިވެހި ރާއްޖޭގެ އަޑު އުފެއްދެވި އަދި ކުރީގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އަގުވަޒަންކުރައްވައި ވިދާޅުވީ އޭރު ދިވެހި ރާއްޖޭގެ އަޑު ބޭނުންކުރެއްވީ ސަރުކާރުގެ މޮޅު ވާހަކަ ދައްކަން ނޫން ކަމަށާއި އޭރު ފާޑުކިޔާނެ ފަރާތްތަކެއް ނެތް އިރު ވެސް ނާސިރު އެ ހިދުމަތް ކޮށްދެއްވީ ވަރަށް އިހުލާސްތެރިކަމާ އެކު ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް އަޑުން ކޮށްދީފައިވާ ހިދުމަތްތައް އަގުވަޒަންކޮށް ނާއިބް ރައީސް ވަނީ މައުމޫނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ނާއިބު ރައީސް ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑު ތަރައްގީކުރުމަށް ކުރަން ޖެހޭ މަސައްކަތްކުރުމަށް ބޭނުންވާ ކަންތައްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ.

ރޭގެ ހަފްލާގައި ވަނީ އަޑަށް އަގުހުރި ހިދުމަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮދެއްވައިފަ އެވެ. އެގޮތުން ރޭގެ ޖަލްސާގައި އަޑުގެ ޑިއުޓީގައި އުޅުއްވަނިކޮށް ތިނެއް ނޮވެމްބަރުގައި ޝަހީދުކޮށްލި ޝަހީދު އިސްމާއިލް ހަލީމަށް ހިދުމަތުގެ ފިލާއަރުވައިފަ އެވެ.

އޭނަށް އެރުވި ފިލައާ ހަވާލުވީ އޭނާގެ އާއިލާ އިންނެވެ.

އަޑަށް ހާއްސަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށް ދޭ ހިދުމަތުގެ ރަން ހަނދާނުގެ ޝަރަފުގެ އައްޑަނައާއި ރިހިފިލާ ވެސް ވަނީ ރޭގެ ހަފުލާގައި އޭގެ ހައްގު ފަރާތްތަކަށް ދީފަ އެވެ. އެގޮތުން އެ ޝަރަފްހޯދެއްވި ބޭފުޅުންނަކީ ކޮނޑޭ އަލިމަނިކާއި މައިޒާމް އަހުމަދު މަނިކުގެ އިތުރުން ބަދުރުއް ނަސީރާއި އިބްރާހިމް މަނިކް(ސަމަރޭ) އެވެ. އަދި ރޭގެ ޖަލްސާގައި ނާއިބު ރައީސް ވަނީ އަޑަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އަޑުގެ ރަންޔޫބިލް، ގައުމީ ހިދުމަތުގެ 50 އަހަރު"ގެ ފޮތް ނެރެދެއްވައިފަ އެވެ.

އަދި ރޭގެ ޖަލްސާގައިވަނީ ދިގުމުއްދަތެއްގައި އަޑު ހިދުމަތްތެރިންގެ ތެރެއިން ފާހަގަކުރެވޭ އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅުނަށާއި ފާހަގަކުރެއްވޭ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުނަށާއި 25 އަހަރަށް ވުރެ ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ އިތުރުން އަޑުގެ ވެރިންގެ ގޮތުގައި ހިދުމަތް ކުރެއްވި ބޭފުޅުނަށާއި ހިދުމަތުގައި މިހާރު ތިބި މުވައްޒިފުނަށް ދޭ މެޑަލް ވެސް އަރުވާފައިވެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްބީސީގެ ބޯޑު ޗެއާމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވީ ވޭތުވެދިޔަ 50 އަހަރު ދިވެހި ރާއްޖޭގެ އަޑު ދެމިއޮތީ ވަރުބަލިކަމެއް ނެތި ދިވެހި ރައްޔިތުނަށް ހިދުމަތް ކުރުމަށް ކަމަށާއި އަޑުގެ ކުރިމަގަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އަޑާއި ޓީވީގެ މަސައްކަތް ތަރައްގީ ކުރުމަށް އާ ޓެކްނޮލެޖީ އަށް ވާސިލުވެވޭނެ ގޮތް ވުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަންކަން ކުރެވޭނީ ފައިސާ ލިބިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑަށް 50 އަހަރުފުރުން ރޭގައި ކުލަގަދަކޮށް ފާހަގަ ކޮށްފައިވާ އިރު ދިވެހި ރާއްޖޭގެ އަޑަކީ 1962 ވަނަ އަހަރު ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުން ފެށިގެން ދިވެހި ރައްޔިތުނަށް ހަބަރާއި މައުލޫމާތު ފޯރުވައިދިނުމުގައި އަގު ނުކުރެވޭ ފަދަ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ރޭޑިއޯ ސުޓޭޝަން އެކެވެ.