ވިލިމާލޭގައި 16 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ގ. ރެޑްކޮރަލް މުޙައްމަދު ޢަބްދުއް ޝަކޫރު، 33، ހައްޔަރުކޮށްފައި ވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އެހީގައި ވިލިމާލެ އިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއާ އެކު މީހަކު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައި ވަނީ މިއަދު މެންދުރު 1:00 އެހާކަންހާ އިރު ވިލިމާލެ މަގުމަތިން އެ ކުއްޖާގެ ފިރިހެން ކޮއްކޮއާ އެކު ދަނިކޮށް ގެއަކަށް ވައްދައި އެގޭގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރު ކުރުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.