ވިލިމާލޭގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ ގ. ރެޑްކޮރަލް މުހައްމަދު އަބްދުއް ޝަކޫރު، 33، އަކީ މިއަދު މެންދުރު 1:00 އެހާކަންހާއިރު ވިލިމާލޭގައި 16 އަހަރުން ދަށުގެ އަންހެން ކުއްޖާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާ ކަމަށެވެ. އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް ފުލުސް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ވީމާ މިނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ 119 ށް ނުވަތަ 3322111 އަށް ނުވަތަ 3000600 އަށް ނުވަތަ 3331510 އަށް ނުވަތަ 9790163 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ. މީނާއާއި ބެހޭ މަޢުލޫމާތު ފުލުހުންނާއި ޙިއްސާކުރާ ފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ އިއުލާންގައި ވެއެވެ.

ފުލުހުން ބުނީ އޭނާގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ މީހަކަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މުޖުތަމައަށް ނުރައްކާތެރި މިފަދަ މީހުން ހޯދުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި އެ އަންހެން ކުއްޖާއާއެކު މީހަކު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވަނީ މިއަދު މެންދުރު 1:00 އެހާކަންހާއިރު ވިލިމާލެ މަގުމަތިން އެ ކުއްޖާގެ ފިރިހެން ކޮއްކޮއާއެކު ދަނިކޮށް ގެއަކަށް ވައްދައި އެގޭގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.