29 Dec 2012, 21:20
ވިލިމާލޭގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 3:25 އެހާކަންހާއިރު ހުށަހެޅުނު އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި އެ އަންހެން ކުއްޖާއާއެކު މީހަކު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވަނީ މިއަދު މެންދުރު 1:00 އެހާކަންހާއިރު ވިލިމާލެ މަގުމަތިން އެ ކުއްޖާގެ ފިރިހެން ކޮއްކޮއާއެކު ދަނިކޮށް ގެއަކަށް ވައްދައި އެގޭގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެގޭ ތެރެއަށް ވެއްދުމަށް ފަހު އޭނާގެ ފިރިހެން ކޮއްކޮ އެހެން ކޮޓަރިއަކަށް ލުމަށް ފަހު އަންހެން ކުއްޖާއާ އެކު ގުޅުން ހިންގި ކަމަށްވެސްވެ އެވެ.
ފުލުހުން ބުނީ ކުޑަކުދިންނާމެދު ކުރެވޭ މިފަދަ ދަށު ދަރަޖައިގެ ނޭދެވޭ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައިވެސް އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވީއިރު އިންޑިއާގެ ނިއުދިއްލީގެ ބަހެއްގެ ތެރޭގައި ހަ މީހަކު 23 އަހަރުގެ އަންހެނަކު ރޭޕް ކުރި މައްސަލަ ފެންމަތިވެ އިންޑިއާގައި އަންނަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. ރޭޕްކުރި އަންހެން ކުއްޖާ ސިންގަޕޫރުގެ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ވަނީ ރޭގެ ވަގުތެއްގައި މަރުވެފަ އެވެ.