ޤާހިރާ (ޑިސެމްބަރު 29) : މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކް ގެ އަތާއި ފައިގެ ބައެއް ކަށިތަކުގައި ރެނދުލާފައި ވުމުގެ އިތުރުން އޭނާގެ ފުއްޕާމޭގައި ފެންހެދިފައިވާ ކަމަށް އޭނާ އަށް ފަރުވާދޭ ޑޮކްޓަރުން ހާމަކޮށްފި އެވެ.

އުމުރުން 84 އަހަރުގެ މުބާރަކް ގެ އާލާސްކަންފުޅާ ގުޅިގެން އޭނާވަނީ ޖަލުން ޢަސްކަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. މުބާރަކާ ދެކޮޅަށް މުޒާހަރާކުރި މިސްރުގެ އެތަށް ބަޔަކު މެރުމުގެ މައްސަލާގައި ކުށްސާބިތުވެގެން އޭނާވަނީ އުމުރަށް ޖަލަށްލާފަ އެވެ. މުބާރަކަށް ފަރުވާދިނުމަށްޓަކައި މިސްރުގެ ޕްރޮސެކިއުޓާރ ޖެނެރަލް ގެ ހުއްދައާއެކު އެޑްމިޓްކޮށްފައިވަނީ އޭނާ ޖަލުގެ ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޤާހިރާގެ ތުއްރާ ޖަލުގެ ކަރީގައިވާ މިސްރު ސިފައިންގެ ހޮސްޕިޓަލެއްގަ އެވެ.

މުބާރަކްގެ އަތާއި ފައިގެ ބައެއް ކަށިތަކުގައި ރެނދުލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ޖަލުގެ ފާޚާނާއަކަށް އޭނާ ވެއްޓުމާގުޅިގެން ކަމަށް ޑޮކްޓަރުން ބުނެއެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ކުރި ޓެސްޓްތަކުން މުބާރަކުގެ ފުއްޕާމޭގައި ފެންހެދިފައިވާކަން އެނގުމުން މިދެކަންތަކަށް އޭނާ އަށް ފަރުވާދެމުން ގެންދާކަމަށްވެސް ޑޮކްޓަރުން ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޙުސްނީ މުބާރަކުގެ ނަފްސާނީ ހާލުވެސް ވަރަށް ގޯހެވެ. އާއިލާގެ މެންބަރުންނާ ދުރުގައި އުމުރުގެ ބާކީއޮތްބައި ޖަލުގައި ހޭދަކުރަން ޖެހުމުން މުބާރަކަށްވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށްވެސް މިރިޕޯޓްތައް ބުނެއެވެ. މުބާރަކުގެ ވެރިކަން ވެއްޓުނީ 2011 ވަނަ އަހަރުގެ ޖަނަވަރީ މަހު އޭނާގެ ވެރިކަމާދެކޮޅަށް މިސްރުގެ ރައްޔިތުން އުތުރިއަރަން ފެށުމާގުޅިގެން އެއަހަރުގެ ފެބްރުއަރީމަހު ތެރޭގަ އެވެ.

ނަވާރަސޭތައަށްޑިހަ އެއް ވަނަ އަހަރުން 2011 ވަނަ އަހަރުގެ ފެބްރުއަރީ އަށް މިސްރުގެ ބާރުގަދަ ވެރިއެއްގެ ގޮތުގައި މުބާރަކު ހުންނެވިއިރު އޭނާގެ ސިއްޙީ ހާލުކޮޅާބެހޭ މައްލޫމާތަކީ މިސްރުގައި ސިއްރުކުރެވިފައިވާ އެއްޗެކެވެ. ކޮރަޕްޝަނުގެ ކުށުގައި މުބާރަކުގެ ދެ ދަރިކަލުންވެސްވަނީ މިސްރުގެ ޖަލުގަ އެވެ. މުބާރަކުގެ އަނބިކަނބަލުން ސޫޒާން ވެސް ޖަލު ހުކުމަކުން ސަލާމަތް ވެފައިވަނީ ވަރަށް ހަނިގޮތަކެވެ. މުބާރަކުގެ ވެރިކަމުގެ ދުވަސްވަރު އޭނާއާއި އޭނާގެ ޢާއިލާއިން މިސްރުގެ ރައްޔިތުންގެ ފައިސާއަށާއި މުދަލަށް ފުޅާދާއިރާއެއްގައި ޚިޔާނާތްތެރިވެފައިވާކަން ކޯޓަށްވަނީ ސާބިތުވެފަ އެވެ. (ނޫސްއެޖެންސީތައް)