29 Dec 2012, 19:50
އދ. މާމިގިލީގައި އަޅާ ޔޫރަޕް ސްޓޭންޑަޑްގެ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިންބަލާ ކުރެހުން ތައްޔާރުކުރުމަށް ޔޫރަޕްގައި ހޮސްޕިޓަލް އިމާރާތްކުރާ އެންމެ މަޝްހޫރު ޓީމުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް އެކަން އިއުލާން ކުރެއްވީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ޚިދުމަތް ކުރެއްވުމާއި އެ ދާއިރާ ކުރިއެރުވުމަށް ގާސިމް އިބްރާހިމް ކުރައްވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އިން އޮންޓަޕްރިނިއާޝިޕް ޑިގްރީ އަރުވާފައިވާތީ އެކަމަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ މާމިގިލީ ރައްޔިތުންނާއި އެ އަތޮޅަށް ނިސްބަތްވާ އެހެން ރައްތަކުގެ ރައްޔިތުން ބައިވެރިވެގެން މާމިގިލީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ.
އެ ހަފްލާގައި ވަހަކަފުޅު ދައްކަވަމުން މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ޔޫރަޕުން އަންނަ ޓީމްގެ ބޭފުޅުން މާމިގިއްޔަށް ވަޑައިގެން އެރަށުގައި 10 ދުވަހު މަޑުކުރައްވާނެ ކަމަށެވެ. އެ ބޭފުޅުންގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާ ރައްޔިތުންނަށް ޚިދުމަތްދޭން ފަށާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ގެ ޚިދުމަތްތައް ފެށުމުން ޔޫރަޕްގެ ގައުމުތަކުންދޭ ބޭސްފަރުވާގެ ޚިދުމަތްތައް މާމިގިލިން ދިވެހި ރައްޔިޔުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ހޮސްޕިޓަލްގައި ބަލިމީހުންނަށް ފަރުވާދޭން ތިބޭނީވެސް ޔޫރަޕްގެ އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުން ކަމަށެވެ.
"ޖެނުއަރީ މަހު ރާއްޖެ އަންނާނެ ޔޫރަޕްގެ އެންމެ މޮޅު ހޮސްޕިޓަލް ކޮންސްޓްރަކްޝަން ހިންގާ ކުންފުނީގެ ފަރާތުން ތިން ސްޕެޝަލިސްޓަކު. އެބޭފުޅުންގެ މަސައްކަތް ހަމަ ނިމޭ އިރަށް ހޮސްޕިޓަލްގެ މަސައްކަތް ފަށާނަން. މި ހޮސްޕިޓަލް ވެގެންދާނީ ދިވެހި ރާއްޖޭގެ އެއްވެސް ތާކުން ނުލިބޭ ސީދާ ޔޫރަޕް ސްޓޭންޑަޑްގެ ޚިދުމަތް ލިބޭ ތަނަކަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފަށައިގަތުމުން ރާއްޖޭގެ ޓޫރިޒަމްވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރު ވެރިންނަށްވެސް އިތުރު ޔަގީން ކަމެއް ލިބޭނެ ކަމަށާއި އަދި އެ ރަށުގައި އެއާޕޯޓެއް އޮތުމަކީވެސް އެ ފަތުރުވެރިންނަށް އިތުރު ލުއިފަސޭހަ ކަމެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ގާސިމް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގާސިމް ސަން އޮންލައިންއަށް ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފަށާނީ ވެސް މަދުވެގެން 100 ނޫނީ 150 ވަރަކަށް އެނދާ އެކު ކަމަށާއި އެ ހޮސްޕިޓަލުގައި ހިދުމަތް ވެގެންދާނީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލަކަށް ކަމަށެވެ. އަދި ވިދާޅުވީ ހޮސްޕިޓަލު ހިންގާނީ ޔޫރަޕްގެ ކުންފުންޏަކާ ގުޅިގެން ކަމަށެވެ.