ނިއުދިއްލީ (29 ޑިސެމްބަރު) - އަންހެހުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އިންޑިޔާގެ ރައްޔިތުން އުފުލާ އަޑުތައް އެ ގައުމުގެ ސަރުކާރަށް އިވިއްޖެ ކަމަށް އިންޑިއާގައި ވެރިކަން ކުރަމުން ގެންދާ ކޯލިޝަން ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ)ގެ ޗެއާޕާސަން ސޯނިޔާ ގާންދީ ވިދާޅުވެއްޖެ އެވެ.

ސޯނިޔާ އެހެން ވިދާޅުވީ، މިމަހު 16 ވަނަ ދުވަހު ދިއްލީގެ މަގެއްގެ މަތީގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި ހަ ފިރިހެނުންގެ ގޭންގަކުން އަނިޔާވެރިގޮތަކަށް ރޭޕު ކުރުމަށް ފަހު، ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާފައިވާ 23 އަހަރުގެ މެޑިކަލް ސްޓޫޑެންޓަށް އިތުރު ފަރުވާދިނުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވުމާ ގުޅިގެން ދެއްވި ސްޓޭޓްމަންޓެއްގަ އެވެ.

"ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން، ތިޔަ ގޮވާލުމުގެ އަޑު ސަރުކާރަށް އިވިއްޖެ ކަމަށް،" ސޯނިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ސޯނިޔާ ވިދާޅުވީ، ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އަންހެންކުއްޖާ އަށް ހައްގު ހޯދައިދިނުމުގެ ގޮތުން އެތައް ހާސްބަޔަކު މަގުމައްޗަށް އެއްވެ އަޑުއުފުލިކަން އެނގިވަޑައިގެންނެވި ކަމަށެވެ.

އަންހެނެއްގެ އިތުރުން މަންމަ އެއްގެ ހައިސިއްޔަތުން، ރައްޔިތުންނެކޭ އެއްފަދައިން ޚުދު އެކަމަނާ ވެސް ދިއްލީ ގޭންގް ރޭޕާއި އަންހެހުންނަށް ކުރަމުންދާ އަނިޔާތައް އެގައުމުގައި އިތުރު ވަމުންދާ ދިއުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް މަޑުމައިތިކަމާ އެކު ހަމަޖެހިގެން ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އަންހެނުންނަށް ކުރާ މިފަދަ އަނިޔާތައް ހުއްޓުވުމަށް، ދައުލަތުގެ އެންމެންހައި ބާރުތައް ގުޅިގެން ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅޭނޭ ފަދަ ގޮތެއް ހޯއްދެވުމަށް ކަމާ ބެހޭ އެންމެހައި ފަރާތްތަކުގެ ކިބައިން އެދިވަޑައި ގަންނަވާ ކަމަށެވެ.