މިއަދު ކ. ގުރައިދޫ ކައިރީގައި އޮތް ސަފަރީއަކުން ޑައިވިނަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ 57 އަހަރުގެ ޖަރުމަންވިލާތުގެ ރައްޔިތެއްކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ މިއަދު ހަވީރު 4:40 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ތަފްސީލް ހާމަކޮށްފައެއްނުވެ އެވެ.

މިފަހަކަށް އައިސް ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް ވަނީ ވަރަށް ކައިރިކައިރީގައި ހިނގާފަ އެވެ. އެގޮތުން މި މަހުގެ ތެރޭގައިވެސް އެފަދަ ދެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެއީ މިމަހުގެ ކުރީކޮޅު ބަނޑޮސްއައިލެންޑް ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ނުކުމެ އުޅުނު ޗައިނާގެ އަންހެން ޓޫރިސްޓަކު ގެއްލުނު ހާދިސާ އެވެ. އެމީހާ އަދިވެސް ނުފެނެ އެވެ. އެ އަންހެންމީހާއަކީ ޗައިނާގެ މަހުޖަނެއް ކަމަށް އަޑުފެތުރިފައިވާއިރު އޭނާ ގަސްތުގައި މަރާލީ ކަމަށް ބުނެ އޭނާގެ ފިރިމީހާ ވަނީ ޕޮލިސްއަށް މައްސަލަ ހުށަހަޅައިފަ އެވެ. އަނެއް ހާދިސާ އަކީ މި މަހުގެ މެދުތެރޭގައި ރ. މީދުއްޕަރު ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ކޮރެއާ މީހަކު މަރުވި ހާދިސާ އެވެ.