ސިޔާސީ ޕާޓީއަކަށް ވުމުގެ ޝަރުތެއްގެ ގޮތުގައި 10،000 މެންބަރުން ޕާޓީއެއްގައި ތިބުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލްގައި ހިމަނާފައި ވާތީ ކުދި ޕާޓީތަކަށް އުދަގުލަކަށް ވާނެތީ ކަންބޮޑުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ އޭނާ އަމިއްލަ ހައިސިއްޔަތުން ގަބޫލުކުރާ ގޮތުގައި މިހާރު ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލާ އިރު ބިލުގައި ބުނާ އަދަދަށް ޝަރުތު ހަމަވަނީ އެންމެ ހަތަރު ޕާޓީ ކަމަށާއި ބިލް ތަސްދީގުވެ ގާނޫނަކަށް ވެއްޖެ ނަމަ 10،000 މެންބަރުން ހަމަކުރަން ބާކީތިބި ޕާޓީތަކަށް ލިބޭނީ އެންމެ ތިން މަސްކަމަށް ވުމުން އެކަން ޕާޓީތަކަށް ވާނީ އުނދަގޫ ކަމަކަށް ކަމަށާއި އެކަމާ މެދު ކުދި ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

"ބިލް މައިގަނޑު ގޮތެއްގައި ވަރަށް ރަނގަޅު، ނަމަވެސް ސިޔާސީ ޕާޓީއަކަށް ވަނީ 10،000 މެންބަރުން ކަމަށް ވުމުން މިހާރު 16 ސިޔާސީ ޕާޓީއެއް އޮތް އިރު އަޅުގަނޑު އަމިއްލަ ގޮތުން މި ގަބޫލުކުރެވެނީ ބާކީ ތިބި 12 ޕާޓީއަށް އެ ލިބޭ މުއްދަތުގައި މެންބަރުން ހަމަކުރުމަކީ އުނދަގޫ ކަމަކަށް ވާނީ. އެ ކަންބޮޑުވުން އަޅުގަނޑު އަމިއްލަ ގޮތުން އެބައޮތް. އެ ޕާޓީތަކުންވެސް އަޅުގަނޑަށްވެސް ގުޅާފައި އެ ކަންބޮޑުވުން އެބަ ފާޅުކުރައްވާ. މިކަން ވާނީ އެބޭފުޅުންނަށް ވަރަށް އުނދަގޫ ކަމަކަށް،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެކަމަމުގައި އަދި ކޮމެންޓެއް ނެތް އިރު ރައްޔިތުންގެ މަޖިލީހުން އެ ބިލްގެ ދިރާސާ ކުރިއަށް ދިޔަ އިރު އެ ކޮމިޝަނުން ކޮމެޓީގައި އެދިފައި ވާނީ މިހާރު ވެސް އޮންނަ ގޮތަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު 3000 ގައި ބޭއްވުމަށް ކަމަށާއި ރާއްޖޭގެ ހާލަތަށް ބަލާ އިރު އެއީ ރަނގަޅު އަދަދެއް ކަމަށް ކޮމިޝަނަށް އޭރު ގަބޫލުކުރެވުނު ކަމަށެވެ.

"އޭރުގައި އަޅުގަނޑުމެން ކޮމެޓީގައި ވެސް ދެންނެވިން 3000 ކަމަށް އެ އަދަދަކީ. ކޮމިޝަނަށް އެގޮތަށް ގަބޫލުކުރެވިގެން މެންބަރުންގެ އަދަދު މިހާރު ވެސް ގަވާއިދުގައި އޮންނަ ގޮތަށް 3000ގައި އޮތުމަކީ މައްސަލައެއް ނޫންކަމަށް އަޅުގަނޑުމެން ކޮމެޓީގައި ދަންނަވާފައި އޮންނާނީ. ބައެއް ޕާޓީތަކުން އެގޮތަށް ކަންބޮޑުވުން ފާޅުކުރިއަސް އަޅުގަނޑުމެން އެކަމުގައި އެގޮތަށް އޭރު ގަބޫލުކުރިއަސް އަޅުގަނޑުމެން މިތިބީ މަޖިލީހުން ފާސްކޮށްފައިވާ އެ ބިލް ތަސްދީގުވެ ގާނޫނަކަށް ވުމުން އެ ގާނޫނަކާ އެއްގޮތަށް އަމަލުކުރަން ތައްޔާރަށް،" ފުއާދު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާ އޭނާ މުގައްރިރުކަން ކުރައްވާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކޮށް މަޖިލީހަށް ހުށަހަޅާ 46 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ބިލްގައިވާ ގޮތުން ޕާޓީއެއް އުފައްދަން ހުށަހަޅަން ޖެހެނީ 10،000 މެންބަރުންގެ ސޮޔާއި ފިންގަޕުރިންޓާއި އަދި ވެސް އެހެނިހެން މައުލޫމާތާ އެކު އެވެ. އަދި ޕާޓީ އުފައްދާ ފަހުންވެސް މެންބަރުންގެ އަދަދު 10،000 އަށް ވުރެ ތިރިވެއްޖެ ނަމަ އެކަން އެ ޕާޓީއަކަށް ކޮމިޝަނުން އަންގާ މެންބަރުން ހަމަކުރަން ތިން މަސް ދުވަސް ދޭން ޖެހޭނެ އެވެ. ތިން މަސް ދުވަހުގެ ތެރޭގައި މެންބަރުން ހަމަނުކުރެވިއްޖެ ނަމަ ޕާޓީއެއް އުވޭނެ އެވެ. އަދި ބިލް ތަސްދީގު ކުރާއިރު 10،000 މެންބަރުން ހަމަނުވާ ޕާޓީތައް ވެސް ބިލް ތަސްދީގު ކުރާތާ ތިން މަސްތެރޭ އެ އަދަދަށް މެންބަރުން ހަމަކުރަން ޖެހެ އެވެ.

އެންމެ ފަހުން އިލެކްޝަންސްއިން އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުން ބިލްގައި ބުނާ އަދަދަށް މެންބަރުން ހަމަވަނީ އެމްޑީޕީ، ޑީއާރުޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ އެވެ. ދެން ހުރި ޕާޓީތަކުގެ މެންބަރުންގެ އަދަދު އެވްރެޖްކޮށް އުޅެނީ 5000 އާއި 2000 ދެމެދުގެ އަދަދުތަކުގަ އެވެ.

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް 10،000 މެންބަރުން ހަމަވުމާއި 20،000 މެންބަރުން ހަމަވާ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް މާލެ އިން ބިމެއް ކަނޑައެޅުމަށް އޮންނަ އޮތުމަށް ތާއީދު ކުރައްވާ ކަމަށާއި އެއީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވަން ކޮމިޝަނަށް މިހާރު ހަނި ފުރުސަތެއް ލިބުނު ނަމަވެސް އެ ބިލްގެ ސަބަބުން ސިޔާސީ ޕާޓީތައް އިތުރަށް ރެގިއުލޭޓްކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާ ޕާޓީތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ދެން ކޮމިޝަނަށް ގާނޫނީ ހައިސިއްޔަތު ލިބިގެން އަންނާނެ ކަމަށެވެ.

"ބިލުގައި އެބައޮވޭ ޖޫރިމަނާ ކުރުމާއި ޕާޓީތަކަށް ކުރެވޭނެ ކަންތައްތަކާ ނުކުރެވޭނެ ކަންތައްތައް ކަނޑައަޅާފައި. އަޅުގަނޑުމެންނަށް މިހާރު ޕާޓީތަކުން ކުރާ ކަންތައްތައް ހުއްޓުވަން އަޅުގަނޑުމެންނަށް މާބޮޑު މަސައްކަތްތަކެއް ނުކުރެވޭ. ނަމަވެސް ބިލް އައިމާ އަޅުގަނޑުމެންނަށް ގާނޫނީ ހައިސިއްޔަތު ލިބި ގާނޫނުން ބޭރުން ހިންގޭ ހަރަކާތްތައް ހުއްޓިވިގެން ދާނެ. އެކަމުގެ ސަބަބުން ޕާޓީތައް ރެގިއުލޭޓް ކުރަން އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެ،" ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތައް މިހާރު ރެގިއުލޭޓް ކުރަމުން އަންނަނީ 2005 ވަނަ އަހަރު އެކުލަވާލެވި ގާނޫނުން ބާރުދީފައިވާ "ސިޔާސީ ޕާޓީތަކާ ބެހޭ ގަވާއިދުން"ނެވެ. އެ ގަވާއިދުގެ ދަށުން 3000 މެންބަރުން ހަމަނުވާ އަދި ހަރަކާތްތެރިކަމެއް ނެތް ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލުމަށް އިލެކްޝަންސް އިން މަސައްކަތް ކުރި ނަމަވެސް އެންމެ ފަހުން އިލެކްޝަންސް އިން ޖެހުނީ ދޫދޭށެވެ. އަދި ޕާޓީތަކުގެ ބައެއް ހަރަކާތްތްތައް ތަހުގީގު ކުރުމަށް ވެސް އިލެކްޝަންގެ ފަހަތުފަޔަށް ބައެއް ފަހަރަށް ބުރަވަނީ ގަވާއިދުގައި މައްސަލަތަކެއް ހުރިކަމަށްބުނެ އެވެ. އަދި ޕާޓީތަކުގެ މެންބަޝިޕް ފޯމުގައި އިނގިލީގެ ނިޝާން ޖަހަން ޖެހޭ ގޮތަށް ހަމަޖެއްސުމުން ވެސް އެކަން ވެސް އިލެކްޝަންސްއަށް ކުރެވޭގޮތެއްނުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލަކީ އެ ކޮމިޝަނުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން ދިޔަ ބިލެއް ކަމަށާއި އެ ބިލް އަވަސް މުއްދަތެއްގައި ތަސްދީގުވެ ގާނޫނަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ. އަދި އެ ބިލްގެ މަސައްކަތް ނިންމާލަދެއްވި ކަމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ވެރިންނަށާއި މަޖިލީހުގެ މެންބަރުންނަށް ފުއާދު ޝުކުރު އަދާކުރެއްވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދި އެދި ތިބި ކަމެއްގެ ފުރަތަމަ މަރުހަލާ މި އައީ. އަޅުގަނޑު އުންމީދު މިކުރަނީ ދެވަނަ މަރުހަލާއަކަށް އޮތް ރައީސް ބިލް ތަސްދީގު ކުރެއްވުންވެސް މާގިނަ ދުވަހެއް ނުވެ ނިމިގެން ދާނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ ބިލް ގާނޫނަކަށް ވާނީ ރައީސް އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ. ރައީސް އަށް އެ ބިލް ތަސްދީގު ނުކުރައްވައި ފޮނުވާލުމަކީ ވަރަށް ދަތިކަމަކަށް ވާނެ އެވެ. އެއީ ބިލް ފާސްކޮށްފައި ވަނީ މަޖިލީހުގެ ވަރަށް ބޮޑު އަޣުލަބިއްޔަތަކަށްވުމުންނެވެ. ނަމަވެސް އެބިލް ތަސްދީގު ނުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.