29 Dec 2012, 14:37
ކ. ކާށިދު އާއި ގާފަރާ ދެމެދު އެމްޓީސީސީ އިން ފެރީގެ ހިދުމަތް ދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ މިއަދު ހެނދު ގާފަރުން ފުރަން އުޅުނު ފެރީ ހިފައްޓާފައި އޮތުމަށް ފަހު ދޫކޮށްލައިފި އެވެ.
ކާށިދޫ އާއި ގާފަރުން މީހުން ގޮވައިގެން މާލެ ދަތުރުކުރާ އެމްޓީސީސީގެ ފެރީ މިއަދު ހެނދުނު ގާފަރުން ފުރިޔަނުދީ ހިފެހެއްޓީ އެ ރަށުން މާލެ އަންނަން އުޅުނު އެންމެނަށް މާލެ ނާދެވޭނެ ކަމަށް ފެރީ ހިދުމަތްދެމުންދާ ފަރާތުން ބުނުމުންނެވެ.
އަދި ހެނދުނު 9:00ގައި ފުރަން އޮތް ފެރީ މެންދުރު ފަހު 1:15 އެހާކަންހާއިރު ފޮނުވާލީ މާލެ ނާދެވިފައި ތިބި މީހުން ގެންދިމަށް އިތުރު ފެރީއެއް މިއަދު އެ ރަށަށް ފޮނުވާނެ ކަމަށް އެމްޓީސީސީ އިން ބުނުމުން ކަމަށް ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް މިއަދު ވިދާޅުވި އެވެ.
"ފުރަތަމަ ކާށިދޫން މި އަންނަނީ މީހުން ގޮވައިގެން މިރަށް (ގާފަރަށް). ދެން ގާފަރުން މި ފެރީއަށް އެރެނީ ވަކި އަދަދަކަށް. އެހެންވީމާ މިއަދު މި ރަށުން މާލެ ދާން ބޭނުންވި ހުރިހާ އެންމެން އަރާ ތިބީ. ދެ ރަށުގެ މީހުނަށް ވެސް ހަމަހަމަ އުސޫލެއް ގާއިމު ކޮށްދޭން ޖެހޭނެ ކަމަށް އެމީހުން ބުނަމުންދިޔައީ. ދެން މިއަދު ފެރީން އެއްބަޔަކު ފެބީ އިތުރު ފެރީއެއް މިއަދު ގާފަރަށް ފޮނުވާނެ ކަމަށް އެމްޓީސީސީ އިން ބުނީމަ،" މުބައްޝިރު ވިދާޅުވި އެވެ.
މުބައްޝިރު ވިދާޅުވީ ކާށިދޫ އާއި ގާފަރުން މީހުން ގޮވައިގެން މާލެ އަންނަ ފެރީގައި ކަށީދޫ ގިނަ އަދަދެއްގެ މީހުން ތިބެފައި ގާފަރުން މަދު ބަޔަކަށް ދަތުރުކުރެވޭތީ އެކަމުގެ ޝަކުވާތައް ބޮޑު ވެފައިވާ ކަމަށެވެ.
ގާފަރުން ވާހަކަ ދެއްކި މީހަކު ބުނީ ފެރީގައި ދާން ބޭނުންވާ މީހުން ކުރިން ނަންނޯޓް ކުރަން ބުނެފައިވީ ނަމަވެސް ނަން ނޯޓް ކުރަން އޮންނަ ގަޑީގައި ގުޅާއިރު ފުލް ވެފައިވާ ކަމަށް ބުނާ ކަމަށެވެ.
ގާފަރު ކައުންސިލުން ބުނީ ފެރީގެ މައްސަލަ ހައްލުކުރުމަށް އެކި ގޮތް ގޮތުން އެމްޓީސީސީއާ ވާހަކަދައްކައިގެން ވެސް އަދި އެކަން ހައްލުވެފައިނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.