މެންޗެސްޓާ ސިޓީ އަށް 2009 ވަނަ އަހަރު 24 މިލިޔަން ޕައުންޑް ހަރަދުކޮށްގެން ގެނައި އިނގިރޭސި ޓީމުގެ އަދި އެވަޓަންގެ ކުރީގެ ސެންޓާބެކް ޖޮލިއޮން ލެސްކޮޓް،30، އަންނަ ޖެނުއަރީ ޓްރާންސްފާގައި ކުޑަ އަގެއްގައި ދޫކޮށްލުމަށް ސިޓީން ނިންމާފައިވާ ކަމަށް މީޑިޔާގައި އަޑުފެތިރިއްޖެ އެވެ.

އަށް މިލިޔަން ޕައުންޑަށް ލެސްކޮޓް ދޫކޮށްލުމަށް ސިޓީން ނިންމާފައިވާ އިރު އޭނާ ހޯދުމަށް ލެސްކޮޓްގެ ކުރީގެ ޓީމް އެވަޓަންއިން ވަނީ ޝައުގުވެރިކަށް ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް ގުޑިސަންޕާކަށް އޭނާ އަނބުރާ ގެނައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލެސްކޮޓްގެ ހަފްތާއެއްގެ އުޖޫރައަށް މިހާރު ޖެހޭ 90 ހާސް ޕައުންޑު ކަމަށްވެ އެވެ.

އެވަޓަންގެ އިރުތުރުން ލެސްކޮޓް ހޯދުމަށް ހެރީ ރެޑްނެޕްގެ ކުއީންޕާކް ރޭންޖާޒް (ކިއުޕީއާރު) އިންނާއި ތިރުކީގެ ގަލަތަސަރާއީ އިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ލެސްކޮޓް ބުނެފައި ވަނީ އޭނާ ސިޓީގައި ކުޅޭ މަގާމު ދިފާއުކުރުމަށް އެ ޓީމުގައި މަޑުކުރަން ބޭނުން ކަމަށެވެ. އެހެން ނަމަވެސް ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބޮޑަށް އިސްކަންދެނީ ޓީމުގެ މުސްތަގުބަލު ރަނގަޅުކުރުމަށް މަޓީޔާ ނަސްޓާސިކް ފަދަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.