29 Dec 2012, 14:06
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ދުންފަތުގެ އިސްތިއުމާލްކުރުން މަނާތަންތަން ކަނޑައެޅު"މުގެ ގަވާއިދަށް މިހާރު ވެސް ނިންމާފައި އޮތް ގޮތަށް އަންނަ ޖެނުއަރީ އެކަކުން ފެށިގެން އަމަލުކުރަން މަޖިލީހުގެ ގަވާއިދު ކޮމެޓީން މިއަދު ތާއީދުކޮށް އެގޮތަށް ފާސްކޮށްފި އެވެ.
ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް އެކުލަވާލާފައިވާ ގަވާއިދަށް އަމަލުކުރުން އެއް އަހަރު ދުވަހަށް ފާސްކޮށް އެ ގަވާއިދު އަލުން އިސްލާހު ކުރުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) އާއި ވިޔަފާރިވެރިންގެ ޖަމްއިއްޔާއިންނެވެ.
އެ މައްސަލައާ މެދު ގަވާއިދު ކޮމެޓީގެ މެންބަރުން މިއަދު ވަނީ ބަހުސްކުރައްވާ ފަހުގެ ނިންމުން ނިންމަވައިފަ އެވެ. މިއަދުގެ ކޮމެޓީގައި މެންބަރުންގެ ހިޔާލު ވަނީ އެ މައްސަލައިގައި ވަރަށް ބޮޑަށް ތަފާތުވެފަ އެވެ. ގަވާއިދަށް އަމަލުކުރަން ތާއީދު ލިބުނީ ވަރަށް ހަނި އަގުލަބިއްޔަތަކުންނެވެ.
އެމްޑީޕީ އަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެ ގަވާއިދަށް އަމަލުކުރުން ފަސްކުރަން ތާއީދު ކުރައްވައިފަ އެވެ. އެ މެންބަރުން އެގޮތަށް ތާއީދު ކުރެއްވީ އެ ގަވާއިދުގެ ސަބަބުން ބޮޑަތި މައްސަލަތަކެއް ނުކުމެ އެ ގަވާއިދަކީ އަމަލުކުރަން އުނދަގޫ ގަވާއިދަކަށް ވާތީ ކަމަށް ވިދާޅުވެ އެވެ. އަދި އެ ގަވާއިދަށް މިހާތަނަށް މުޖުތަމައު ރަނގަޅަށް ހޭލުންތެރިވެފައި ނުވާކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަކަށް ގަބޫލުމިކުރެވެނީ މިގަވާއިދުގައި ވަރަށް ބޮޑަށް މަގުސަދު އޮޅޭގޮތަށް ގަވާއިދު އޮތްހެން. ވަރަށް ބޮޑު ބައެއް އިސްތިސްނާ ކުރެވިފައި މިއޮތީ. މަގުމަތި ފަދަ ތަންތަން މި އޮންނަނީ އިސްތިސްނާ ކުރެވިފައި އެތަންތަނުގައި ބޮވޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ މަގުމަތިން މާބޮޑަށް އޭގެ ނުރައްކާ ފޯރާނޭ މީހުންނަށް. ދުމުގެ ނުރައްކަލުން ސަލާމަތް ކުރުން މީގެ މަގުސަދަކަށް ވާނީ. އެކަމަކު އެކަން ހާސިލެއް ނުވޭ،" މަނަދޫ ދާއިރާގެ މެންބަރު ތޯރިގު ވިދާޅުވި އެވެ.
ނަމަވެސް ކޮމެޓީގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ ޖެނުއަރީ އެކަކުން ފެށިގެން ގަވާއިދު މިހާރު ވެސް އޮތް ގޮތަށް ތަންފީޒު ކުރުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އެބޭފުޅުން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކުގައި ރާއްޖެ އިން ސޮއިކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެދާނެ ކަމަށާއި މިއަދާ ހަމައަށް ވެސް އެއްވެސް ވަރަކަށް އެކަން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައި ނުވާތީ މިވަގުތައް ވެސް އެ ގަވާއިދަށް އަމަލުކުރަން ފެންނަ ކަމަށާއި ފަހުން ވެސް އެ ގަވާއިދުގައި ހުރި އުސޫލީ މައްސަލަތައް ރަނގަޅުކުރެވިދާނެ ކަމަށެވެ.
ބަހުސް ނިމުނުއިރު މެންބަރުން ވަނީ ދެ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ހުށަހަޅުއްވާފައި ވަނީ ގަވާއިދު މިހާރު ވެސް ނިންމާފައި އޮތް ގޮތަށް އަންނަ ޖެނުއަރީ މަހުގެ އެކެއްގައި ތަންފީޒުކޮށް ގަވާއިދުގައި ހުރި މައްސަލަތައް ބަލައި ހަ މަސް ދުވަސް ތެރޭ އެ މައްސަލަތައް ހައްލުކުރުމަށެވެ. މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހެޅުއްވީ އެ ގަވާއިދަށް އަމަލުކުރުން އެއް އަހަރު ދުވަހަށް ފަސްކޮށް ގަވާއިދު އިސްލާހު ކުރުމަށެވެ.
ކޮމެޓީ އަށް ވަޑައިގެން ހަ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ޝަރީފް ހުށަހެޅުއްވި ގޮތަށް ޖެނުއަރީ އެކަކުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފާސްވީ ހަތަރު މެންބަރަކު ތާއީދު ކުރައްވައިގެންނެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތޮލިބާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަފީގް ހަސަން އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި އަދި އެ ހުށަހެޅުން ހުށަހެޅުއްވި ތިމަރަފުށީ ދާއިރާގެ ޝަރީފެވެ. އެމްޑީޕީން ހުށަހެޅި ހުށަހެޅުމަށް ލިބުނީ ތިން ވޯޓެވެ.
ގަވާއިދުގެ ދަށުން ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓާއި ޕާކުތަކާއި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ އަމިއްލަ ކުންފުނިތަކުގެ އޮފީސްތައް ހިންގާ އިމާރާތްތަކާއި މިނިވަން މުއައްސަސާތަކުގެ އޮފީސްތަކާއި އާއްމުކޮށް މީހުން އެއްވެ އުޅޭ ގިނަ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލްކުރުން މަނާވާނެ އެވެ. އަދި މުސްކުޅިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގާ ތަންތަނުގައި ދުންފަތުގެ ބޭނުމެއް ނުކުރެވޭނެ އެވެ.
ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލްކުރުމަށް ވަކި ތަނެއް ކަނޑައަޅައި އެކަމަށް ހެލްތު މިނިސްޓްރީން ހުއްދައެއް ނަގަން ޖެހެ އެވެ.
ފެރީ އުޅަނދުތަކާއި ފެރީ ޓާމިނަލްތައް އަދި އާއްމުކޮށް މީހުން އަރުވައިގެން ދަތުރުކުރާ އުޅަނދުތަކާއި ހިދުމަތް ހޯދުމަށް މީހުން އާންމުކޮށް ކިއު ހަދައިގެން މަޑުކޮށްގެން ތިބޭ ތަންތަނުގައި ވެސް ދުންފަތް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.