ރެއާލް މެޑްރިޑުގެ ޕޯޗުގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އިން ކިތަންމެ ގިނަ ފަހަރަކު މަސައްކަތް ކުރި ނަމަވެސް ރޮނާލްޑޯ ގެނެއުމަކީ ވަރަށް ދަތި އުނދަގޫ ކަމެއް ކަމަށް ޕީއެސްޖީގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮތީ ބުނީ، ރޮނާލްޑޯ އަކީ ޕީއެސްޖީ އަށް ވަރަށް މުހިންމު ފޯވާޑެއް ކަމަށާއި އެހެންނަމަވެސް އޭނާ ގެއަނުމަކީ ވަރަށް ދަތި އުނދަގޫ ކަމެއް ކަމަށެވެ.

"ރޮނާލްޑޯ ހޯދުމަށް ތަފާތު ގޮތްގޮތައް މަސައްކަތް ކޮށްފިން. އެކަމުކު އަދިވެސް އޭނާ ގެނެވޭނެ ކަމުގެ އެއްވެސް އަލިކަމެއް ނުފެނުނު. ރޮނާލްޑޯ ހޯދުމަށް އަހަރުމެން ކުރަމުން އަންނަ މަސައްކަތް އަދި ހުއްޓާއެއް ނުލަން،" ކޯޗު ކާލޯ އަންޗެލޮޓީ ބުންޏެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްދާން އުޅޭ ކަމުގެ ވަހާކަތަކެއް މީޑިއާގައި ފެންމަތިވުމާ އެކު، ރެއާލްއިން ދާދި ފަހުން ވަނީ ރޮނާލްޑޯގެ މުސާރަ އަށް ވެސް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި މެޑްރިޑުން ރޮނާލްޑޯ އަށް މިހާރު ހުށަހަޅާފައި ވަނީ ކުރިން ލިބޭ ވަރަށް ވުރެ އިތުރު 50 ޕަސެންޓަށް ވުރެ ބޮޑު މުސާރައެކެވެ. އެގޮތުން މިހާރު ރޮނާލްޑޯގެ އާކޮންޓްރެކްޓްގެ ދަށުން އޭނާ އަށް 15 މިލިއަން ޕައުންޑް ލިބިގެންދާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިޓަލީގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ، ރޮނާލްޑޯ އަށް ފީއެސްޖީން އިން ވެސް 100 މިލިއަން ޔޫރޯގެ ބިޑެއް ކުރަން ތައްޔާރަށް އޮތް ކަމަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ 2018 ވަނަ އަހަރާ ހަމައަށް މެޑްރިޑުގައި ބެހެއްޓުމަށް އެކުލަބުން ދިން ހުށަހެޅުން ރޮނާލްޑޯ ވަނީ ދާދިފަހުން ގަބޫލް ނުކޮށްފަ އެވެ.

ރޮނާލްޑޯއާ ހަވާލާދީ އޭނާގެ އެޖެންޓު ބުނެފައި ވަނީ، ރެއާލްއާއެކު ރޮނާލްޑޯ ކޮންޓުރެކްޓް އާކުރަން އެއްބަސް ވެފައި ނުވަނީ، ރެއާލްގެ ބައެއްކަންތައްތަކާ އޭނާ ހިތްހަމަނުޖެހިގެން ކަމަށެވެ.

އުމުރުން 27 އަހަރުގެ ޕޯޗުޒީލް ފޯވަޑް ރޮނާލްޑޯ ހޯދުމަށް ޕީއެސްޖީގެ އިތުރުން ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ މަސައްކަތް ކުރަމުންކަމަށް ރިޕޯޓްތައް ބުނެ އެވެ.