29 Dec 2012, 13:58
ދިވެހިރާއްޖޭގެ އަޑުގެ 50 ވަނަ ރަން ޔޫބީލް އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ތަހުނިއްޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ތަހުނިއްޔާގައި މިވޭތުވެ ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރާއްޖޭގެ އަޑަށް އެކިއެކި ރޮނގުރޮނގުން ހިދުމަތް ކޮށްދީފައިވާ ހުރިހާ ފަރާތްތަކަަށާއި މިހާރު ދިވެހި ރާއްޖޭގެ އަޑުގައި ހިދުމަތް ކުރަމުން ގެންދާ އެންމެހައި ވެރިންނަށާއި ޕްރޮގްރާމްތައް ހުށަހަޅާ މުވައްޒަފުންނަށާއި ޓެކްނީޝަނުންނަށާއި ހަބަރުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި އިދާރީ މުވައްޒަފުންނަށް އިހުލާސްތެރި ތަނުނިއްޔާ ވަނީ އަރިސްކުރައްވައިފަ އެވެ.
ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ފޮނުއްވާފައިވާ ހިތާބުގައި މިވޭތުވެ ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ތަފާތު އެކި ނަންނަމުގައި ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާކަން ފާހަގަކުރައްވާފައިވެ އެވެ. އަދި މިއަދު ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް ބިނާވެފައި ވަނީ މި ވޭތުވެ ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި އެ ދާއިރާގައި ގިދުމަތް ކުރަމުން ދިޔަ ފަރާތްތަކުން އެޅި ހަރުދަނާ ބިންގަލުގެ މައްޗަށް ކަމަށާއި އެކަމަކީ ދެބަސްނުވެވޭނޭ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރޭޑިޔޯގެ ހިދުމަތް ދިވެހި ވުޖޫދަށް އުފަންވީ ހިސާބުން ފެށިގެން، މިއަދާ ހަމައަށް ރޭޑިއޯ ގިރާކުރި ކޮންމެ ހަރުފަތެއްގައި މަސައްކަތްކުރި ފަރާތްތަކުގެ މަތިން ވެސް މި މުނާސަބަތުގައި ހަނދާން އާކޮށްލަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ޕަބްލިކް ޕްރޯޑްކާސްޓަރެއްގެ ގޮތުގައި ހިނގަމުން އަންނަތާ 50 އަހަރު ފުރުމުގެ މުނާސަބާ ފޮނުއްވާފައިވާ އެހިތާބުގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދިވެހި ރާއްޖޭގެ އަޑު، އިތުރު ހަރުފަތްތައް ގިރާކޮށް، އަޑުގެ އެހުންތެރިންގެ ގާތުގައި މަގުބޫލު ސަހުސިއްޔަތަކަށް އެ އަޑު ވެގެން ދިޔުމަށް އުންމީދު ކުރައްވާ ކަމަަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަކަމުގެ މައިގަނޑު އުސޫލުތައް ދަމަހައްޓައި، މުޖުތަމައުގެ ރީތި އުސޫލުތަކާއި އާދަކާދަތަކަށް އިހުތިރާމްކޮށް، އަހުލާގީ ރިވެތި މިންގަނޑުތައް ޅަކުދިންނަށާއި ޒުވާން ޖީލަށް ދަސްކޮށްދޭ މުއައްސަސާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އަޑު ހެދިބޮޑުވަމުން ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވަހީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އެމަނިކުފާނުގެ ޓުއިޓާ އެކައުންޓް މެދުވެރިކުރައްވައި ދިވެހި ރާއްޖޭގެ އަޑަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެސްޓޭޝަންގެ ހިންގުންތެެރިންނަށާއި މުވައްޒަފުންނަށް ތަހުނިއްޔާ ވިދާޅުވެފަ އެވެ.