29 Dec 2012, 13:42
ދިހަހާސް މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލެވޭ ގޮތަށް ކަނޑައަޅައި ސިޔާސީ ޕާޓީތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތްކުރާ ބަޔަކު އަޑީގައި ތިބެގެން އަދާލަތު ޕާޓީ ވުޖޫދުން ފުހެންލަން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާގައި ފާސްކުރި ސިޔާސީ ޕާޓީގެ ބިލުގައިވާ ގޮތުން އެބިލް ރައިސުލްޖުމްހޫރިއްޔާ ތަސްތީގުކޮށް، އަމަލު ކުރަން ފެށުމާއެކު 10000 މެންބަރުން ހަމަނުވާ ޕާޓީތަކަށް މެންބަރުން ހަމަ ކުރުމަށްޓަކައި ތިން މަސް ދުވަސް ދޭންޖެހެ އެވެ. އަދި އެ ތިން މަސް ދުވަހުގެ ތެރޭގައި 10،000 މީހުން ހަމަނުކުރެވިއްޖެނަމަ ދެން އެ ސިޔާސީ ޕާޓިއެއް އުވުނީ އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ރައީސް ޝެއިޚް އިމްރާމް އަބްދުﷲ ވިދާޅުވީ އަދާލަތު ޕާޓީގެ ފަރާތުން ފަހަކަށް އައިސް ދީނާއި ގައުމުގެ ހައްގުގައި ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޚާއްސަ ގޮތެއްގައި އިސްލާމް ދީން ބަލިކަށި ކޮއްލާ ހަލާކު ކޮށްލަން ބަޔަކު ކުރާ މަސައްކަތްތަކާއި ދެކޮޅަށް އެޕާޓީން ގެންގުޅެމުން އަންނަ ސިޔާސަތުތައް ބަލިކަށި ކޮށްލާ އަދި ރާއްޖޭގެ ސިޔާސީ މައިދާނުން އިސްލާމީ ފިކުރު ފޮހެލުމަކީވެސް އެބިލްގެ މަގުސަދެއް ކަމަށް ވިދާޅުވި އެވެ.
"ފަހަކަށް އައިސް ޖީއެމްއާރު މައްސަލައާ އަދި ރައްޔިތުންގެ މަޖިހުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ ވާހަކަތައް ދެއްކުންފަދަ ކަންކަމަކީވެސް އެބިލް ފާސްކުރުމާއި ގުޅޭ ކަންކަން. މިއީ އަދާލަތު ޕާޓީއަށް ކުރިމަތި ކުރުވި ސިޔާސީ އަދި ގާނޫނީ ވަރަށްބޮޑު ގޮންޖެހުމެއް. ރާއްޖޭގެ މިއަދުގެ ސިޔާސީ މަޝްރަހް ބައްޓަންވެފައި އޮތްގޮތުން އަދާލަތު ޕާޓީފަދަ ސިޔާސީ ޕާޓީއެއް އޮތުން ވަރަށް މުހިންމު،" އިމްރާން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި އެ ޕާޓީގެ އަމީންއާންމު އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އިސްލާމް ދީނުގެ ހައްގުގައި ކެރިގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަނގުރަލާ ދެކޮޅަށް ބޭއްވި މުޒާހަރާ ގައި ވެސް އެންމެ އިސް ދައުރެއް އަދާކުރީ އަދާލަތުން ކަމަށެވެ. އަދި އިޒްރޭޒްގެ ޔަހޫދީން ރާއްޖެ ގެނެސް އެމީހުންގެ ނުފޫޒު މި ގައުމުގައި ފަތުރަން ރައީސް ނަޝީދު ކުރެއްވި މަސައްކަތްވެސް ހުއްޓުވީ އަދާލަތު ޕާޓީން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިވެހި އިސްލާމް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ނުބޭއްވުމަށް ކުރި މަސައްކަތާއި އަރަބިއްޔާ ސްކޫލް އުވާލަން ރައީސް ނަޝީދު ކުރެއްވި މަސައްކަތްތައްވެސް ފެނަށް ވެގެންދިޔައީ އަދާލަތު ޕާޓީން އޭރުކުރި މަސައްކަތުން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެހެން ކަމުން ރާއްޖޭގައި ތިބި އިސްލާމް ދީނަށް ލޯބިކުރާ އެންމެހާ ދިވެހި ރައްޔިތުން މި ދަނޑިވަޅުގައި އެ ޕާޓީއާ ގުޅުމަށްވެސް ގޮވާލެއްވި އެވެ.
އަދާލަތު ޕާޓީގައި ސައްހަ މެމްބަރުންގެ ގޮތުގައި މިހާރުތިބީ 5881 މެމްބަރުންނެވެ.
ރާއްޖޭގައި މިހާރު އޮތް 16 ސިޔާސީ ޕާޓީގެ ތެރެއިން ދިހަހާސް މެމްބަރުން ހަމަވާ އޮތީ ހަތަރު ސިޔާސީ ޕާޓީއެވެ. އެއީ ޕީޕީއެމާއި، އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީ އެވެ.