ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސްގެ 75 ވަނަ އުފަން ދުވަހު އެމަނިކުފާނުގެ އަމިއްލަފުޅު ނަމުގައި ރަސްމީ ޓުއިޓާ އެކަންޓަކާއި އެފްބީ އެކައުންޓެއް ހުޅުއްވައިފި އެވެ.

ަރައީސް މައުމޫންގެ ދަރިކަލުން ޣައްޝާން މައުމޫން މިއަދު ސަންއޮންލައިނަށް ވަނީ ރައީސް މައުމޫންގެ އަމިއްލަފުޅު ދެ އެކައުންޓެއް ޓުއިޓާގަ އާއި އެފްބީގައި ހުޅުވާފައިވާ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި ވިދާޅުވީ އެއީ ރައީސް މައުމޫންގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ.

"މައުމޫން އޭ ގައްޔޫމް"ގެ ނަމުގައި މިއަދު މައުމޫން ހުޅުއްވާފައިވާ އެކައުންޓްގައި ކުރައްވާފައިވާ ފުރަތަމަ ޓުއިޓްގައި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައިފަ އެވެ.

ޓުއިޓާގެ އިތުރުން އެފްބީގައި މައުމޫން ހުޅުއްވާފައިވާ އެކަންޓްގެ ރަޖިސްޓާ ކުރައްވާފައިވަނީ "މައުމޫން އަބްދުލް ގައްޔޫމް"ގެ ނަމުގަ އެވެ.

އޮފީސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫން އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ އަދި އިޖުތިމާއީ މަސައްކަތްޕުޅުތަކުގެ މައުލޫމާތާއި ބައެއް މުހިންމު ކަންކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ރައްޔިތުންނާ ވަގުތުން ވަގުތަށް ހިއްސާކުރެއްވުމުގެ މަގުސަދުގައި، ފޭސްބުކް އަދި ޓްވިޓާ މެދުވެރިކުރައްވައި ރައީސް މައުމޫން މުއާމަލާތު ކުރައްވަން ފަށްޓަވާފައިވާ ކަމަށެވެ. އަދި ބައެއް ފަހަރު އެ ދެ އެކައުންޓްގައި ސީދާ ރައީސް މައުމޫން ވެސް ޕޯސްޓްކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އެނޫސްބަޔާނުގައިވެ އެވެ.

ޓުއިޓާއާ ފޭސްބުކްއަކީ ދުނިޔޭގައި ވެސް މަގުބޫލް ނެޓްވޯކަކަށްވާ އިރު ރާއްޖޭގެ ކުޑަކުޑަ އާބާދީގެ މެދުގައި އެ ދެ ނެޓްވޯކް ވަނީ ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދައިފަ އެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އެފްބީއާ ޓުއިޓާ ބޭނުންކުރެ އެވެ.

ޓުއިޓާ އެކަންޓް ރާއްޖޭގައި ގެންގުޅޭ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ނޫން ދިވެއްސެއްގެ އެކައުންޓް އަދި މިހާތަނަށް ވެރިފައި އެކައުންޓެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ.