29 Dec 2012, 13:34
ކުރިއަށް ފުޓްބޯޅަ ސީޒަންގައި ބީޖީ ސްޕޯޓްސް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ހުސްވި ސީޒަނުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި އިބްރާހީމް އިފްރާހު އަރީފާއި ވިކްޓަރީއަށް ކުޅުނު ޑިފެންޑަރު އިބްރާހީމް ޝިނާޒް އަދި ވިޔަންސާގެ ކެޕްޓަން އަހުމަދު ޒާދު ބީޖީއަށް ސޮއިކޮށްފި އެވެ.
ބީޖީގެ ހިންގާ ކޮމެޓީގެ އިސް އޮފިސަލް އާސިމް ޖައުފަރު ބުނީ، އިފުރާ އާއި ސިނާޒް އަދި ޒާދު ވެސް ކުލަބަށް ކުޅެން އެއްބަސްވެ މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ކުރއަށް އޮތް ސީޒަނަށް ޓީމް އިތުރަށް ވަރިގަދަ ކުރުމުގެ ގޮތުން ބިދޭސީ ފޯވާޑަކާއި ޑިފެންޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާސިމް ބުންޏެވެ.
"ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް އަންނަ މަހުގެ 5 ނުވަތަ 10 ވަނަ ދުވަހު ފެށުމަށް ތައްޔާރު މިވަނީ. ޓީމުގައި މިވަގުތު އޮތް ސްކޮޑާ މެދު ވަރަށް ހިތްހަމަޖެހޭ. ކުރިއަށް މިއޮތް ދުވަސްކޮޅުގައި އިތުރު ކުޅުންތެރިން ކުލަބާ ގުޅޭނެ،" އާސިމް ބުންޏެވެ.
ހުސްވި ސީޒަނުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި އިބްރާހީމް އިފްރާހު އަރީފް ބީޖީއަށް ސޮއި ކުރުމަށް ފަހު" ސަން އޮންލައިނާ" ވާހަކަ ދައްކަމުން ބުނީ، އޭނާ ބީޖީއާ ގުޅުނީ އެޓީމުގެ ހުސަހެޅުންތަކާ މެދު ހިތްހަމަޖެހޭތީ ކަމަށާއި އަދި އަންނަ ސީޒަންގައި ބީޖީއަށް ރަނގަޅު ކާމިޔާބީއެއް ހޯދައި ދިނުމުގެ ހެޔޮނިޔަތުގައި ކަމަށެވެ.
ކޯޗު މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާ ވީބީން ކުރިމަތި ލާއިރު، މީގެ ކުރިން އެޓީމަށް ކުޅެން އެއްބަސްވެ ސޮއި ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމް އަދި ވީބީގެ ކެޕްޓަން އައްސަދު (އަޑުބަރޭ) އާއި އަހުމަދު އަޝްފާނާއި އާދަމް ފަޒީހް (ފަޒިއްކޮ) އާއި ފަރުހާދު އިސްމާއީލް އަދި ނިއުގެ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި އީގަލްސްގެ ކީޕަރު މުހައްމަދު ޔަމާނާއި ވިކްޓަރީއަށް ކުޅުނު މުހައްމަދު ޝައްފާޒު (ސައްޕޭ) އާއި އީގަލްސްގެ އަހުމަދު ރިލްވާންގެ އިތުރުން ވިޔަންސާގެ މަޒުހަރު އަބުދުﷲ ހިމެނެވެ.