މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 4180 މީހުން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު މީޑިއާގައި ދެއްކެވި ވާހަކަ އިންޑިއަން ހައިކޮމިޝަނުން ދޮގުކޮށްފި އެވެ.

އިންޑިއަން ހައިކޮމިޝަނުން އިއްޔެ ތާރީހުގައި ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އިން އިންޑިއާ އަށްދާ މީހުންގެ ވީސާއާ ބެހޭ ގޮތުން މިނިސްޓަރު ހަވީރަށް ދެއްވި އިންޓަވިއުގައި، ތެދު ނޫން މައުލޫމާތު ހުރި ކަމަށާއި އެ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައި މީހުންގެ އަދަދަކީ 4180 މީހުން ކަމަށް މިނިސްޓަރު ވިދާޅުވުމަކީ ރަނގަޅު އަދަދެއް ނޫން ކަމަށެވެ. އިންޑިއަން ހައި ކޮމިޝަނުން ބުނެފައި ވަނީ، އެ މުއްދަތުގެ ތެރޭގައި އިންޑިއާ އިން ރާއްޖެ އަށް 26،199 މީހުން އައިސްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އިންޑިއާ އިން 26،199 މީހުން ރާއްޖެ އައިސްފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އިންޑަން ހައިކޮމިޝަނުން މީޑިއާގައި ކުރިން ބުނެފައި ވަނީ އަހަރެއްގެ މައްޗަށް ރާއްޖެ އިން 50 ވަރަކަށް މީހުން ޑިޕޯޓްކުރާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު ހަވީރަށް ވިދާޅުވެފައި ވަނީ މި އަހަރުގެ މިހާތަނަށް ޑީޕޯޓްކޮށްފައި ވާނީ އިންޑިއާގެ ހަތަރު ވަރަކަށް މީހުން ކަމަށެވެ.

އިންޑިއަން ހައި ކޮމިޝަނުން އިއްޔެގެ ތާރީހުގައި ނެރެފައިވާ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް ހައި ކޮމިޝަންގެ ރެކޯޑްތަކުން 50 ވަރަކަށް މީހުން ޑިޕޯޓްކޮށްފައިވާ ކަމަށް ފެންނަ ކަމަށެވެ.

ރާއްޖެ އިން އިންޑިއާ އަށްދާ ދިވެހިންގެ ވިސާ ހޯދުމަށް ފަހަކަށް އައިސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ޓޫރިސްޓުގެ ގޮތުގައި އިންޑިއާ އަށްދާ ދިވެއްސަކަށް ނޫންނީ އޮން އެރައިވަލް ވިސާ ނުލިބޭނެ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ. އަދި އެއާ އެކު އިންޑިއާ އަށް ބޭސްފަރުވާ އާއި އެ ނޫން ބޭނުންތަކުގައި ދާ ދިވެހިންނަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ.
އިންޑިއާ އަށް ދިއުމަށް ވިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވީ ޖީއެމްއާރު އަތުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އަތުލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ނަމަވެސް އިންޑިއަން ހައި ކޮމިޝަނުން ބުނަމުން އަންނަނީ އެ މައްސަލައާ ވިސާއާ ގުޅުމެއް ނުވާ ކަމަށެވެ.

އިންޑިއާގެ ޖީއެމްއާރު އިންފްރާ ސްޓްރަކްޗާއާއި މެލޭޝިއާގެ މެލޭޝިއަން އެއާޕޯޓްސް ބަރުހާދު ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އަށް ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައި އޮތް އެއްބަސްވުން ރާއްޖޭން އުވާލުމުގެ ފަހަތުގައި ސިޔާސީ ސަބަބެއް އޮތަސް، އެސަބަބަކީ ދެ ގައުމުގެ ދެމެދުގައިވާ އަގު ހުރި ގުޅުމަށް އޭގެ އަސަރު ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް އިންޑިއަން ފޮރިން މިނިސްޓަރު ސަލްމާން ހޫރުޝީދު ވަނީ ވިދާޅުވެފަ އެވެ.