29 Dec 2012, 13:03
ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތަން ޑިފެންސުގެ ދަށަށް ބަދަލު ކުރީ އިއްޔެ އިން ފެށިގެން ކަމަށެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވީ އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ބާވަތުން އެ މަސައްކަތްތައް ހިންގައި ވިލަރެސްކުރުމުގެ ކަންކަން މިހާރަށް ވުރެ ލުއިފަސޭހަ ގޮތެއްގައި ކުރިއަށްގެންދެވޭނީ، އެ ޑިޕާޓްމަންޓް، ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިގެން ކަމަށް ފެންނާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓް ހިންގަން ޑިފެންސު މިނިސްޓްރީއާ ހަވާލުކޮށްވައި މި ވަނީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު މީޑއާގައި ދެއްކެވި ވާހަކަތަކީ ތެދު ނޫން މައުލޫމާތުތަކެއް ކަމަށް ބުނެ އިންޑިއަން ހައި ކޮމިޝަނުން ބަޔާނެއް ނެރެފައި ވަނިކޮށެވެ.
އެ ކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައި މީހުންގެ އަދަދަކީ 4180 މީހުން ކަމަށެވެ. ނަމަވެސް ހައި ކޮމިޝަނުން ބުނެފައި ވަނީ މިނިސްޓަރުގެ އެ ވާހަކަފުޅު ރަނގަޅު ނޫން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިންޑިއާ އިން ރާއްޖެ އަށް 26،199 މީހުން އައިސްފައިވާ ކަމަށެވެ.