ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން ނަން އަނބުރާ ގެންދަވާފައި ވަނީ އެޕާޓީ ތެރޭގައި ތިބި އިސް ބައެއް ފަރާތްތަކުގެ ތެރޭގައި އޮތް ރޭވުމެއްގެ ތެރެއިން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްހާމް ވިދާޅުވީ އެ ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވުމަށް ފަހު ބައެއް ބޭފުޅުން ނަން އަނބުރާ ގެންދެވީ ޕާޓީގެ ތެރޭގައި އިސްކޮށް އުޅުއްވާ ވަކި ބަޔަކު ރާވައިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ރޭވުމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިލްހާމް ވިދާޅުވީ އޭނާ ނަން އަނބުރާ ނުގެންދަވާނެ ކަމަށާއި ނަން އަނބުރާ ނުގެންދިއުމަށް އެ ޕާޓީގެ މެންބަރުން ވެސް އެދެމުންދާ ކަމަށެވެ.

"ނަން އަނބުރާ ގެންގޮސްފައި ވަނީ ޕާޓީ ތެރޭގައި ތިބި ބަޔަކު ރާވައިގެން. އަޅުގަނޑު ގަބޫލެއް ނުކުރަން އަނބުރާ ނަން ގެންދަން ޖެހޭނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް. ނަން އަނބުރާ ގެންދިއުމަށް އެއްވެސް ޕްރެޝަރެއް ނެތް. އޭގެ ބަދަލުގައި އެތައް މެންބަރެއް އަޅުގަނޑަށް ގުޅާފައި އެބަ ބުނޭ ނަން އަނބުރާ ނުގެންދިއުމަށް،" އިލްހާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހްމަދު މަހްލޫފް ނައިބު ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ފަހު ނަން އަނބުރާ ގެންދެވިކަން އިއުލާން ކުރަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކި ދެ ބޭފުޅަކަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ އިލްހާމް ވަނީ ކަން ބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ތިން މީހުން ނައިބު ރައީސް ކަމަށް ކުރިމަތިލައްވަން ތިއްބެވި އިރު އޭގެ ތެރެއިން ދެ މީހަކަށް ތާއިދުކުރައްވާ ކަމަށް ނިހާނު އާއި މަހްލޫފް ވަނީ ވިދާޅުވެފައި. މަހްލޫފް އަކީ ޕާޓީގެ ސްޕޯކްސް ޕާސަންގެ މަގާމުގައި ހުރި މީހަކަށްވާ އިރު އެގޮތަށް ވަކި މީހަކަށް ތާއިދު ނުކުރެވޭނެ. މިހާރު އެ ބުނެ ވެނީ އިލްހާމް އަށް ތާއިދު ނުކުރާށޭ. އެކަން އަޅުގަނޑު ކުށްވެރިކުރަން،" އިލްހާމް ވިދާޅުވި އެވެ.

ޕާޓީގެ އިންތިގާލީ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެމާގާމުގައި ހުންނަވައިގެން ޕާޓީގެ ތެރޭގައި އިންސާފު ވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

"ޕާޓީގެ ނައިބު ރައީސް ކަމަށް ދެ ބޭފުޅުން އިންތިހާބު ކުރާ އިރު މިހާރު މި ތިބީ އެ މަގާމަށް ތާއިދުކުރައްވާ ތިން މީހަކު. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު އަބްދުއްރަހީމް ޕާޓީގެ އިންތިގާލީ ނައިބު ރައީސް ކަމުގައި ހުރެގެން ޕާޓީ ތެރޭގައި އިންސާފްވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް،" އިލްހާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ކުރިމަތި ލެއްވި ހަތް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު ނަން އަނބުރާ ގެންގޮސްފައިވާ އިރު ނަން އަނބުރާ ގެންދެވި ބައެއް ބޭފުޅުން ވަނީ ޕާޓީގެ ނައިބު ރައީސް ކަމަށް އައުމަށް އެ ބޭފުޅުން ތާއީދުކުރާނެ ބޭފުޅުން މީޑިޔާގައި ހާމަކޮށްފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ފަހު ނަން އަނބުރާ ގެންދެވީ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުގެ އިތުރުން ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) އެވެ.

އެހެން ކަމުން އަންނަ މަހު ބާއްވާ ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވަން މިހާރު ތިއްބެވީ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިލްހާމް އަހުމަދެވެ.

މަހުލޫފު މިއަދު ވިދާޅުވީ ނަން އަނބުރާ ގެންދެވީ އެއްވެސް ބޭފުޅަކު ވިދާޅުވެގެން ނޫން ކަމަށާއި އަދި ވަކި ބޭފުކަށް ތާއީދު ކުރެއްވުމަކީ މައްސަލައެއްް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން މީހަކަށް ތާއިދު ކުރެއްވިދާނެ ކަމަށެވެ.

ރޭގެ ޕްރެސް ކޮންފަރެންސުގައި ނިހާނު ވެސް ވިދާޅުވެފައި ވަނީ އޭނާ ނަން އަނބުރާ ގެންދެވީ އެއްްވެސް ޕުރެޝަރެއް އޮވެގެން ނޫން ކަމަށެވެ.