ތިންދުވަސް ވަންދެން މެދުނުކެނޑި ކުރަމުން ދިޔަ ވިއްސާރައިގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް، 38، އާއި އަންހެނުން ވިކްޓޯރިޔާ، 37 އާއި ދެމަފިރިންގެ ހަތަރު ދަރިން ދިވެހިރާއްޖޭގައި ހޭދަކުރަމުންއައި 11 ދުވަހުގެ ޗުއްޓީ ކުރުކޮށްލުމަށް ފަހު އެނބުރި އެނހެން ދިމާއަކަށް ފުރައިފި ކަމަށް އިނގިރޭސި ޓެބްލޮއިޑް ނޫހެއް ކަމަށްވާ 'ދަ ސަން" އިން ބުނެފިއެވެ.

ހުސްވި ހަފުތާގެ ހޮނިހިރު ދުވަހު ރާއްޖޭގެ "ވަން އެންޑް އޮންލީ ރީތިރަށް" ރިޒޯޓަށް ކްރިސްމަސް ޗުއްޓީހޭދަކޮށްލުމަށް އައި ބެކަމްގެ އާއިލާ މޫސުން ރަނގަޅު އަވިލިބޭ އެހެން މަންޒިލެއް ހޯދުމަށް ރާއްޖެއިން ފުރާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައި ކަމަށްވެސް ސަންގައި ރިޕޯޓްކޮށްފައި ވެއެވެ.

"ޗުއްޓީ ހޭދަކޮށްލުމަށް މިފަދަ ރީތި ތަނެއް ދޫކޮށްލާފައި އެނބުރި ދާންޖެހުން އެއީ ބެކަމްގެ އާއިލާއަށް ވަރަށް ނަސީބުދެރަކޮށް ދިމާވި ކަމެއް. ވިއްސާރައިގެ ސަބަބުން އެމީހުންނަށް ގޭތެރޭގައި ތިބުން ފިޔަވައި ކުރެވޭނޭ މާބޮޑު ކަމެއް ނެތް. އެހެންވީމާ ކުރިސްމަސް ޗުއްޓީ ހޭދަކޮށްލުމަށް މޫސުން ރަނގަޅު އެހެން މަންޒިލެއް ހޯދުމަށް އެމީހުންވަނީ ބުދަ ދުވަހު ފުރާފައި،" މައުލޫމާތު ދިންފަރާތާ ހަވާލާދީ ސަންގައި ވެއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު އަދި ފެންވަރު ރަނގަޅު އެއް ރިސޯޓުގައި 11 ދުވަސް ހޭދަކުރުމަށް އައި ބެކަމްގެ މިދަތުރަށް ގާތްގަނޑަކަށް 250000 ޕައުންޑު (6.3 މިލިޔަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް ރިޕޯޓިތަށް ބުނެފައިވާއިރު ބެކަމްގެ ދެމަފިރިންނަށް ރީތިރަށުން ހިފާފައިވާ ކޮޓަރީގެ ކުއްޔަށް ރެޔަކަށް 8600 ޕައުންޑް ނުވަތަ މިނިޓަކަށް 6 ޕައުންޑުގެ ރޭޓުން އަގު ޖެހެއެވެ. އަދި ބެކަމްގެ ތިން ފިރިހެން ދަރިން ކަމަށްވާ ބްރޫކްލީން، 13، އާއި ރޯމިއޯ، 10، އާއި ކްރޫޒް، 7، އަދި އެންމެ 18 މަސްދުވަހުގެ އަންހެން ދަރިފުޅު ހާޕާއަށް ރެޔަކަށް 3700 ޕައުންޑުގެ ރޭޓުން ވަނީ އިތުރު ތިން ކޮޓަރި ހިފާފަ އެވެ.

މިދަތުރު ފުރިހަމަ ނުކޮށް ކުރުކޮށްލަން ނިންމުމުން ބެކަމްއަށް ގާތްގަނޑަކަށް 60،000 ޕައުންޑުގެ ގެއްލުމެއް ވާނެކަމަށްވެސް ސަންގައި ބުނެފައި ވެއެވެ. ސަބަބަކީ އެގޮތަށް ޒިޔާރަތްކުރާ ފަތުރުވެރިން މޫސުން ގޯސްވުމުގެ ސަބަބުން އެނބުރި ދާންޖެހުނު ކަމުގައިވީ ނަމަވެސް އެމީހުން ވަކި މުއްދަތަކަށް ކުއްޔަށް ހިފާފައިވާ ތަންތަނަށް ދައްކާ ފައިސާ އަނބުރާ ދޭންޖެހޭގޮތަށް ހަމަޖެހިފައި ނުވާތީ އެވެ.

ދަ ސަންގައި ބުނެފައި ވަނީ ބެކަމްގެ އާ މަންޒިލު ބުނަން ނޭނގުނު ކަމުގައި ވިޔަސް ލަފާ ކުރެވޭ ގޮތުގައި އޭނާ ދެން ދާނީ، ދުބާއީ، އެކުވެރި އަރަބި އިމާރާތް، އޮމާން ނުވަތަ ތައިލެންޑު ފަދަ ތަނަކަށެވެ.