ވޮޝިންޓަން (ޑިސެމްބަރު 29): އެމެރިކާގައި މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ "ބޮއިންގް" ކުންފުނިން އުފައްދާ މަތިންދާބޯޓުތަކުގައި އިންޓަނެޓް ލިބޭ މިންވަރު ބަލައި ޓެސްޓް ކުރުމަށް ޓަކައި އަލުއި ބަސްތާތަކެއް ބޭނުންކުރަމުން އެބަގެންދެ އެވެ.

ބޮއިންގް ކުުންފުނީގެ ތަޖްރިބާކާރުން ބުނާ ގޮތުން ވައިގާ ދަތުރުކުރާ އިރު މަތިންދާބޯޓަށް އިންޓަނެޓް ލިބޭ މިންވަރު ޓެސްޓް ކުރުމަށް އެންމެ ރަނގަނޅީ އަލުވި އެވެ. މިކަމަށްޓަކައި ބޮއިންގެ ބޮޑު މަތިންދާ ބޯޓެއް ފުރެންދެން އަލުއި އަރުވައިގެން ބޮއިންގް ކުންފުނީގެ އިންޖިނޭރުން ވައިފައިގެ ޒަރީޢާ އިން ބޯޓަށް އިންޓަނެޓްގެ ޚިދުމަތް ލިބޭމިންވަރާއި އޭގެ ސްޕީޑް ބެލުމަށް ވައިގާ ޓެސްޓްތަކެއް ހަދަމުން ގެންދާކަން އެފަރާތްތަކުން ހާމަކުރެ އެވެ.

ބޮއިންގް ކުުންފުނީގެ ފަންނީ ތަޖްރިބާކާރުން ބުނާގޮތުން އަލުވި އަކީ އިލެކްޓްރޯނިކް އިޝާރާތްތަކަށް އިންސާނުން ފަދައިން އަދި ބައެއް ޙާލަތްތަކުގައި އިންސާނުންނަށް ވުރެ ވެސް ފުރިހަމައަށް އިޖާބަ ދޭ އެއްޗެކެވެ. ނުވަ ހާސް ކިލޯ އަލުއި އަރުވައިގެން ބޮއިންގްގެ ބައު ފަސިންޖަރު މަތިންދާބޯޓެއްގައި ކުރަމުންގެންދާ މިޓެސްޓްތަކުގެ ބޭނުމަކީ ބޮއިންގްގެ ބޯޓުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ވައިފައިގެ އައު ސިސްޓަމުގެ ތެރެއިން ފަސިންޖަރުން ބޭނުންވާ ހަލުއި ސްޕީޑުގައި އިންޓަނެޓްގެ ޚިދުމަތް ލިބޭމިންވަރާއި މިސިސްޓަމުން އެމަރުކާގެ މަތިންދާބޯޓުތަކުގެ އެއަރނެވިގޭޝަން ސިސްޓަމްތަކާއި ބޯޓުތަކުގެ އިލެކްޓްރޯނިކް އެހެން ސިސްޓަމްތަކަށް އިންޓަފެރެންސާއި ކޮންފިއުޝަން ވާ މިންވަރު ބެލުމެވެ.

ބޮއިންގްގެ އިންޖިނޭރެއް ކަމަށްވާ ޑެނިސް ލުއިސް ވިދާޅުވި ގޮތުގައި މަތިންދާބޯޓުތަކުގެ ފަސިިންޖަރުން ބޭނުންވާނީ ބޯޓު ދުއްވާފައިދާއިރު ވެސް އެމީހުން ގެންގުޅޭ އައިޕެޑާއި ލެޕްޓޮޕާއި ސްމާޓް ފޯނު ފަދަ ތަކެތި ބޭނުންކޮށްގެން އިންޓަނެޓްގެ ޚިދުމަތް ހޯދުމަށެވެ. ނަމަވެސް ބޯޓުގެ އެކި ހިސާބުތަކުގައި ވެސް ވައިފައި މަސައްކަތްކުރާ މިންވަރު ވަރަށް ތަފާތެވެ. އަލުވި ބޭނުންކޮށްގެން ކުރާ ޓެސްޓުގެ ތެރޭގައި ބޯޓުގެ އެކި ހިސާބުތަކުގައި ވެސް ވައިފައި މަސައްކަތްކުރާ މިންވަރު ވަރަށް ފުރިހަމައަށް ދެނެގަނެ އެކަން ޙައްލުކުރުން ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި އެކުލަވާލާފައިވާ އަލުވި އާބެހޭ ޢިލްމީ ކައުންސިން (ޕޮޓޭޓޯ ކައުންސިލް)ގެ ތަރްޖަމާން ވިދާޅުވި ގޮތުގައި އަލުވި އަކީ ވަރަށް އާދަޔާ ޚިލާފު އެއްޗެކެވެ. އަލުވީގެ ބޭނުން އިންސާނުންގެ ގިނަ ބަޔަކަށް ނޭނގޭ ކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ ކަރުދާސް ހެދުމާއި އެކިބާވަތުގެ ދެލި ހެދުމުގައި ވެސް އަލުވި ބޭނުންކުރާ ކަމުގައެވެ. އަދި އަލުވީގައި ހުންނަ ސްޓާޗް އަކީ ފޮތި އުފެއްދުުމުގައި ވެސް ބޭނުންކުރާ އެއްޗެއް ކަމަށާއި ފޮތީގައި ހުންނަ ފައިބަރު ހިފެހެއްޓުމުގައި އަލުވީގެ ބޭނުން ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

އަލުވި އަކީ އިލެކްޓްރިކް ކަރަންޓް އުފެއްދުމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި ރުޅި އައިސްފައިވާ މީހުންގެ ރުޅި މަތަކުރުމަށްޓަކައި ވެސް އަލުވި ބޭނުންކުރެއެވެ. އަދި ރަތްވެފައިވާ ލޮލުގެ ރަތްކަން ފިލުވާލުމަށްޓަކައި އެންމެ ރަނގަނޅު އެއްފަރުވާއަކީ އަލުވި ކަމަށް ޑޮކްޓަރުން ބުނެއެވެ. (ނޫސްއެޖެންސީތައް)