ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) ވެސް ޕީޕީއެމްގެ ނާއިބު ލީޑަރުކަމުން ނަން އަނބުރާ ނަންގަވއިފި އެވެ.

ޖައުފަރު މިއަދު ސަން އަށް އެކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ އޭނާ ޕީޕީއެމްގެ ނާއިބު ލީޑަރުކަމުން ނަން ނެންގެވި ނަމަވެސް އަށް މެންބަރުން އިންތިހާބު ކުރާ، އެ ޕާޓީގެ ކައުންސިލްގައި އޭނާގެ ނަން އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ޖައުފަރު ވިދާޅުވީ އޭނާގެ ނަން އެ ޕާޓީގެ ނާއިބު ލީޑަރުކަމުން އަނބުރާ ގެންދެވި އިރު، އޭނާ ނާއިބު ރައީސަކަށް ތާއީދު ކުރައްވާ އެއް ބޭޅަކީ ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ. ދެ ވަނަ ބޭފުޅަކަށް އޭނާ ތާއީދު ކުރައްވާ ބޭފުޅެއް އަދި ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އެކަން ވެސް ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ.

ޖައުފަރު ވިދާޅުވީ ނާއިބު ރައީސަކަށް އަބްދުއްރަހީމަށް އޭނާ ތާއީދު ކުރައްވަނީ އޭނާ އަކީ ޕީޕީއެމް އުފެއްދުނީއްސުރެ ޕީޕީއެމްގެ ކުރިމަގަށް މަސައްކަތް ކުރައްވާފައިވާ ގާބިލު ބޭފުޅަކަށްވާތީ ކަމަށެވެ.

ޕީޕީއެމްގެ ނާއިބު ލީޑަރު ކަމަށް ކުރިމަތި ލެއްވި ހަތް ބޭފުޅުންގެ ތެރެއިން މިހާތަނަށް ވަނީ ހަތަރު ބޭފުޅަކު ނަން އަނބުރާ ނަންގަވައިފަ އެވެ. ނަން އަނބުރާ ގެންދެވި ބޭފުޅުންނަކީ ޖައުފަރުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ.

އެ ހަތަރު ބޭފުޅުންގެ ނަން އަނބުރާ ގެންދެވުމުން، ދެ ބޭފުޅުން އިންތިހާބު ކުރާ މަގާމަށް މިހާރު ވާދަ ކުރައްވަނީ، ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރައްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނުފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ.