29 Dec 2012, 10:35
ކ. ކާށިދު އާއި ކ. ގާފަރާ ދެމެދު މާލެ ދަތުރުކުރާ ފެރީގެ ހިދުމަތް ދެމުންދާ އެމްޓީސީސީ އިން އެދެރަށުގެ ދެމެދުގައި ތަފާތު ކުރާކަމަށްބުނެ ގާފަރުން ފުރަން އުޅުނު ފެރީ އެރަށު ބަޔަކު ނުކުމެ މިއަދު ހިފަހައްޓައިފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެމުން މިވަގުތު އެފެރީގައި ހުރި ކާށިދޫ ރައްޔިތެއްކަމަށްވާ ހުސެއިން ފަރުހާދު ބުނީ މިއަދު ހެނދުނު ކާށިދޫއިން ފުރައިގެން ގާފަރަށް ދިޔަ ފެރީ ގާފަރު ބަޔަކު ހިފަހައްޓާ ފައިވާކަމަށެވެ. އަދި އެމީހުން ފެރީ ހިފެހެއްޓީ އެރަށަށް ދީފައިވާ 60 ޖާގައަށްވުރެ ގިނަ މީހުން މިއަދު ފެރީއަށް އެރުމުން އެމްޓީސީސީއިން އެ އެންމެނަށް ނުދެވޭނެކަމަށް ބުނުމުން ކަމަށެވެ.
"ނުފުރިފައި މިއޮތީ ގާފަރުން ބައިވަރު މީހުން އެރުމުން، ނޯޓްވެސް ނުކޮށްހުރި މީހުންވެސް ވަނީ އަރާފައި، އަދަދަށްވުރެ މީހުން ގިނަވެއްޖެއްޔާ ފެރީއަކަށް ނައްޓައެއް ނުލެވޭންނޫންތޯ، ދެން ބައިގިނަވެގެން ނުފުރިފަ ވަނީ" ފަރުހާދު ބުންޏެވެ.
ގާފަރުން މިއަދު ހުއްޓުވާފައިވާ ފެރީއަކީ މިއަދު ހެނދުނު 7:00 ޖެހިއިރު ކާށިދޫއިން ފުރައިގެން ގާފަރަށް ދިޔަ ފެރީއެކެވެ. އަދި ގާފަރުން އެފެރީ ފުރުމަށް ހަމަޖަހިފައިއޮތީ މިއަދު ހެނދުނު 9:00 ގައެވެ. ނަމަވެސް އަދިވެސް އެފެރީއަށް ވަނީ ނުފުރިފައެވެ.
ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ވިދާޅުވީ ފެރީ ހިފަހައްޓާފައިވަނީ އެމްޓިސީސީން އެރަށާއި ކާށިދުއާ ދެމެދުގައި ތަފާތު ކުރަމުންދާތީ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ކާށިދޫގައި ބައިގިނަ ވެއްޖެނަމަ އެމްޓީސީސީން އެހެން ފެރީއެއް އެރަށަށް ހަމަޖައްސައިދޭ ކަމަށާއި ނަމަވެސް ގާފަރުގައި ބައިގިނަވެ ނުފުރިފަ ހުއްޓަސް އެމްޓީސީސީން އެގޮތަށް ކަންތަށްތަށް ނުކޮށްދޭކަމަށެވެ.
"ކާށިދޫ އިން ފެރީ ފުލްވެގެން ކާށިދޫ މީހުން މިބުނަނީ އެރަށުގައި ތިބި އެންމެން ގޮވައިގެނޭ ދެވޭނީ، އެހެން ބުނުމުން އެމީހުނަށް އެހެން ފެރީއެއް ހަމަޖައްސައިދިން އެދުވަހު، އެހެންވެ މިކޮޅުން(ގާފަރު) މީހުން މިބުނަނީ މިކޮޅުން ދާންތިބި އެންމެން ގޮވައިގެނޭ ދެވޭނީ، އެ ހަމައްސަލަޖެހިގެން މިއުޅެނީ،" މުބަޝްރިރު ވިދާޅުވި އެވެ.
އަދި ސްކޫލް ބަންދު ތެރެއާ ދިމާކޮށްފެރީގެ ބައިގިނަވެފައި ވާއިރު ކާށިދޫއިން މީހުން ނަގައިގެން އަންނަ އަދަދަދު ގިނަވެ މީގެ ކުރިންވެސް ފެރީ ފުރުމުގައި މައްސަލަތައް ދިމާވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ފެރީ ހިފަހައްޓައިގެން އުޅޭ މައްސަލާގައި އެމްޓީސީސީ ގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.