29 Dec 2012, 10:20
ދުނިޔޭގެ އެންމެ އާބާދީ ބޮޑުގައުމު ކަމަށްވާ ޗައިނާގައި ބޮޑެތިވެފައި ތިބޭ ދަރިންނަށް އެމީހުންގެ މައިންބަފައިންނާ އަޅާލުމަށާއި އެމީހުންނަށް ދާއިމީ ގޮތަކަށް ޒިޔާރަތް ކުރުމަށް ބާރުއަޅައި ގާނޫނެއް ފާސްކޮށްފި އެވެ.
މި ގާނޫނުގައި ދަރިން މައިންބަފައިނަށް ޒިޔާރަތް ކުރަން ޖެހެނީ ކިތައްދުވަހުން ކިތައްދުވަހުން ކަން ފާހަގަކޮށްފައި ނުވިނަމަވެސް މައިންބަފައިންނާ އެގޮތަކަށްވެސް އަޅާނުލާ ފަރާތްތައް އެ ގާނޫނުގެ ދަށުން ކޯޓަށް ގެނެސް ބޮޑެތި އަދަބު ދެވިދާނެކަމަށް އިންޒާރު ކޮށްފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޗައިނާގައި ގިނަ އަދަދެއްގެ މުސްކުޅި މައިންބަފައިންނަށް އެބައިމީހުންގެ ދަރިންގެ އަޅާލުން ލިބެމުން ނުދާ، މުސްކުޅި ހާލުގައި އެކަހެރިކޮށްލާފައި ތިބޭ މައިންބަފައިންގެ އަދަދު އިންތިހާއަށް ދަނީ އިތުރު ވަމުންނެވެ. އަދި އޭގެ ސަބަބުން ޗައިނާގައި އާއިލީ ގުޅުންތައް ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަސް ގޯސްވަމުން ނެވެ.
އެގޮތުން މި މަހުގެ ކުރީކޮޅު ޗައިނާގެ ސްޓޭޓް މީޑިޔާގައި ބުނެފައިވާގޮތުން 90 އަހަރުން މައްޗަށް ގޮސްފައިވާ އަންހެނަކު އޫރު ގެންގުޅެން ބޭނުންކުރާ ހަޑިމުޑުދާރު ތަނެއްގައި ދެއަހަރެއްހާ ދުވަސްވަންދެން ދިރިޅުމަށް އޭނާގެ ފިރިހެން ދަރިފުޅު މަޖުބޫރު ކުރުވި އެވެ.
އެފަދަ އެތައް ވާހަކަތަކެއް ޗައިނާގެ ހަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރަމުން ދާއިރު އޭގެ ތެރޭގައި މުސްކުޅި މައިންބަފައިންގެ މުދާކޮޅު ގަދަކަމުން އެމީހުންގެ ދަރިން އަތުލުމާއި ވާނުވާ ނޭނގި މިފަދަ އެކަނިވެރި މުސްކުޅިން އެބައިމީހުގެ ގޭގައި މަރުވެފައި ތިއްބާ ފެނުންވެސް ވަނީ އާންމު ވެފައެވެ.
ޗައިނާގެ އާބާދީގެ އަށްބައިކުޅަ އެއްބައި މީހުންނަކީ 60 އަހަރުން މަތީގެ މީހުންނަށް ޥާއިރު އޭގެތެރެއިން ދެބައިކުޅަ އެއްބައި އުޅެމުންގެންދަނީ އެކަނިވެރި ދިރިއުޅުމެއް ކަމަށް ވެއެވެ. އެގޮތަށް ދިމާވާން ގިނަފަހަރު މެދުވެރިވަނީ އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ދަރިން އެކިއެކި ދިމަދިމާލަށް ދާންޖެހުމުންނެވެ.
ޗައިނާގައި މުސްކުޅިންގެ އާބާދީ އެހާބޮޑުވާން ދިމާވެފައި ވަނީ އެގައުމުގައި އޮންނަ "ވަންޗައިލްޑް ޕޮލިސީ" (ކޮންމެ ދެމަފިރިއަކަށްވެސް ހޯދޭނީ އެންމެ ދަރިއެއް)ގެ ސަބަބުން ކަމަށާއި އަދި ޗައިނާގައި މިހާރަކަށް އައިސް މީހުންގެ އުމުރު އާދަޔާ ހިލާފަށް ދިގުވުންވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
އެގައުމުގައި އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ 160 މިލިއަން މީހުން ތިބިއިރު އުމުރުން 80 އަހަރުން މަތީގެ މިލިއަނަކަށްވުރެ ގިނަމީހުން އެބަތިބިކަމަށް ވެއެވެ.