އާއިލާ އަށް ފިލައިގެން އުޅުނު އަންހެން ކުއްޖާ ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އާއިލާ އަށް ފިލައިގެން އުޅޭތީ ހޯދަމުން ދިޔަ ބ. ފެހެންދޫ ދޭލިޔާގޭ މަރިޔަމް ނަދާ، 15، ފެނިފައި ވަނީ ބޯޓަކުން އޭނާ އައްޑު އަށް ފުރާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ރޭ ދަންވަރު އެ ބޯޓު ގދ. ތިނަދު އަށް ބަނދަރު ކުރުމުން ފުލުހުން ގޮސް އެ ބޯޓު ޗެކްކުރުމުން ކަމަށެވެ. އަދި އެ އަންހެން ކުއްޖާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 6:00 އެހާކަންހާ އިރު މާލޭގައި އޭނާ ދިރިއުޅެމުން ދިޔަ ގެއިން ނިކުމެގެން ދިޔަގޮތަށް ގެއަށް ނައިސް އާއިލާ އަށް އޭނާ ފިލާފައިވާ ކަމަށެވެ.

އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުދިން އާއިލާއަށް ފިލައިގެން ދިޔުން މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ދާދިފަހުން މާލެއިން ވެސް ދެ އަންހެން ކުއްޖަކު އާއިލާ އަށް ފިލައިގެން އުޅެނިކޮށް ފުލުހުން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ގެސްޓްހައުސްއެެއްގެ ތެރޭގައި ތިއްބަ އެވެ.