29 Dec 2012, 09:15
ސިންގަޕޫރު (ޑިސެމްބަރު 29): އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ބަހެއްގައި ހަ މީހުންގެ ގްރޫޕަކުން ރޭޕްކުރި 23 އަހަރުގެ އަންހެން ދަރިވަރު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
މިކަން ކަށަވަރުކޮށްދެމުން އެހޮސްޕިޓަލުން ނެރުނު ބާޔާނެއް ބުނެފައި ވަނީ އެ ކުއްޖާ މަރުވީ އާއިލާގެ މެންބަރު އޭނާގެ ކައިރީގައި ތިއްބައި ވަރަށް ހިމޭންގޮތަކަށް ކަމުގަ އެވެ. ރޭޕްކުރުމުގައި އެއަންހެން ކުއްޖާއަށް ވަނީ ޖިންސީ އަނިޔާގެ އިތުރުން ބޮޑެތި ޖިސްމާނީ އަނިޔާތަކެއްވެސް ދީފަ އެވެ. މީގެތޭރޭގައި ރޭޕްކުރުމަށް ފަހު އެކުއްޖާގެ ހަށިގަނޑުގެ ޖިންސީ ނިޒާމަށް ތޫނުއެއްޗެއް ކޮއްޕާލުމާއި ރަހުމު ކުޑަގޮތަކަށް އޭނާގެ ހަށިގަނޑު ބަހުން އެއްލާލުން ހިމެނޭ އެވެ. އަދި ރޭޕްކުރުމުގެ ތެރޭގައި ވެސް އަންހެން ކުއްޖާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ކޮށްފަ އެވެ. ތޭވީސް އަހަރުގެ އަންހެން ކުއްޖާއަކީ ނިއުދިއްލީގެ ޔުނިވަސިޓީ ކޮލެޖެއްގައި ތަޢްލީމު ޙާސިލް ކުރަމުންގެންދިޔަ ދަރިވަރެކެވެ.
ފިލްމެއް ބެލުމަށް ފަހު އޭނާގެ ރައްޓެހި ފިރިހެން ދަރިވަރަކާއެކު ގެއަށް ދިޔުމަށްޓަކައި އާންމު ޓްރާންސްޕޯޓް ބަހަކަށް އަރައިގެން ރޭގަނޑުގެ ވަގުތެއްގައި ދަތުރުކުރަމުން ގެންދަނިކޮށް އެބަހުގައި މަސްތުވެގެންތިބި ހަ މީހުންގެ ގޭންގް ގްރޫޕަކުން އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ ބަހުގައި ތިބި އެހެން މީހުންގެ ކުރިމަތީގައި ތޫނުއެއްޗެތިން ބިރުދައްކައިގެންނެވެ. އަންހެންކުއްޖާގެ ރައްޓެހި ފިރިހެން ދަރިވަރު އަންހެން ކުއްޖާގެ ދިފާޢުގައި ހަރަކާތްތެރިވާން ފެށުުމުން ހަ މީހުންގެ އެ ގްރޫޕުން ވަނީ ފިރިހެން ކުއްޖާއަށް ވެސް ވަރަށް ބޮޑަށް އަނިޔާކޮށް އޭނާ ބަރަހަނާ ކޮށްލުުމަށް ފަހު ބަހުން ބޭރަށް ރަހުމު ކުޑަގޮތަކަށް އެއްލާލާފަ އެވެ.
މި ޖަރީމާ އާ ގުޅިގެން މުޅި އިންޑިޔާވަނީ ސިހިފައެވެ. ޚާއްސަކޮށް އިންޑިޔާގެ އެތެރޭގައި ގޭންގް ގްރޫޕްތަކުގެ ޙަރަކާތްތައް ފެތުރިފައިވާ މިންވަރާ އެގްރޫޕްތައް ކޮންޓްރޯލް ކުރުމުގައި އިންޑިޔާގެ ފުލުހުން އިހުމާލުވެފައިވާ މިންވަރު މިޙާދިސާއިން ވަނީ ހާމަވެފައެވެ. މިޖަރީމާގެ ނުރައްކާތެރިކަން އިންޑިޔާގެ މައި ސަރުކާރުގެ އިސްވެރިންނަށް ހާމަކޮށްދިނުމަށް ޓަކައި ނިއުދިއްލީގެ މުހިއްމު ހިސާބުތަކުގައި އެތަށް ހާސްބަޔަކު އަޑުއުފުލައި މުޒާހަރާކޮށް ދެދުވަސްވަންދެން ފުލުހުންނާ ކުރިމަތިލި އެވެ. މިކުރިމަތިލުންތަކުގައި އާންމުން ދިން އަނިޔާގައި ނިއުދިއްލީ ސްޓޭޓްގެ ފުލުހުންގެ އޮފްސަރު ވަނީ މަރުވެފަ އެވެ.
މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ ނިއުދިއްލީއަކީ އަންހެނުންނަށް އަމާން ރައްކާތެރިތަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް ވަޢުދުވެ ވަޑައިގެންފަ އެވެ. ރޭޕްކޮށްލެވުނު އަންހެން ދަރިވަރު ނިއުދިއްލީގެ ހޮސްޕިޓަލެއްގައި ބާއްވައިގެން ފަރުވާދިނުމަށް ފަހު އެޑްވާންސް ފަރުވާ ދިނުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ވައިގެ އެންބިއުލަންސެއްގައި އޭނާ ވަނީ ސިންގަޕޫރަށް ގެންގޮސް އެގައުމުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށާފަ އެވެ. ނަމަވެސް ލައިފް ސަޕޯޓިން ސިސްޓަމެއްގެ އެހީގައި ނޭވާލަމުން ގެންދިޔަ އަންހެން ދަރިވަރުގެ ޙާލަތު އިތުރަށް ދަށަށް ގޮސް ރޭގެވަގުތެއްގައި އޭނާ މަރުވީ އެވެ.
އަންހެން ކުއްޖާއަށް ފަރުވާދިން އިންޑިޔާއާއި ސިންގަޕޫރުގެ ޑޮކްޓަރުން ހާމަކުރައްވާގޮތުގައި އޭނާގެ ހަށިގަނޑުގެ ގިނަ ގުވަންތަކާއި ސިސްޓަމްތައް މުލިންކަހަލަ ގޮތަކަށް ހަލާކުވެފަ އެވެ. މީގެތެރެގައި ސިކުނޑިއާއި ޖިންސީ ނިޒާމާއި ހަޖަމުގެ ނިޒާމާއި ފުއްޕާމޭ ހިމެނެ އެވެ. ނިއުދިއްލީގެ ހޮސްޕިޓަލުގައި އަންހެން ދަރިވަރަށް ފަރުވާދިނުމަށް ޓަކައި ތިން އޮޕަރޭޝަން ކޮށްފައިވެ އެވެ. އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ އަންހެން ކުއްޖާ މަރުވި ޚަބަރު ލިބިވަޑައިގަތުމާ އެކު އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފަ އެވެ. މިއަދުގެ ވަގުތެއްގައި އަންހެން ދަރިވަރުގެ މަރުވެފައިވާ ހަށިގަނޑު ނިއުދިއްލީ އަށް ގެނެވޭނެ ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)