14:30


ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން ޕްރޮގްރާމަށް މާލެތެރެއަށް ދޫކޮށްލި ބައެއް ގައިދީން މައިންބަފައިންގެ އެދުމުގެ މަތިން އަނބުރާ ޖަލަށް ފޮނުވާލާފައިވާ ކަމަށް ޑީޕީއާރުއެސް އިން ބުނެފި އެވެ.


ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމަށް ގިނަ ގައިދީން މާލެ ގެނެސްފައިވާނީ ގައިދީންގެ ބެލެނިވެރިންނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އަދި އެ އެއްބަސްވުމާ ޚިލާފްވާނަމަ އެކަން އާއިލާއިން ޑީޕީއާރުއެސް އަށް އަންގާނެ ކަމަށެވެ. އެގޮތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އިސްލާހުނުވާ ވިއްސަކަށް ގައިދީން މައިންބަފައިންގެ އެދުމުގެ މަތިން އަނބުރާ ޖަލަށް ފޮނުވާލާފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.


ރަޝީދު އިތުރަށް ވިދާޅުވީ ގައިދީން މުޖުތަމައަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގާ އަޖުމަބެލުމުގެ ޕްރޮގްރާމެއްގެ ގޮތުން މިހާރު ތިލަފުށީގައި ބައެއް ގައިދީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެތަނުގައި އެމީހުންނަށް މުސާރަ އާއި ކެއުމާއި ހުރުމުގެ ކަންތައްތައް ހަމަޖެހިފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.


ރަޝީދު އިތުރަށް ވިދާޅުވީ ސްވަޑް ޖަމިއްޔާއާ ގުޅިގެން އަންހެން ގައިދީންނަށް ބައެއް މަސައްކަތް ދަސްކޮށްދީގެން މިއަދު ހަވީރު އަންހެން ގައިދީންގެ އަތްތެރިމަސައްކަތް ދަށްކާލާ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.