29 Dec 2012, 00:15
ތިރީސްދެވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފި އެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ޓީރެކްސް އިން ކާމިޔާބު ކުރީ 90 ޕޮއިންޓު 59 ޕޮއިންޓުން އެންމެ ފަހުގެ ޗެމްޕިއަން ރެޑްލައިން ކުލަބު ބަލިކުރުމަށް ފަހު އެވެ.
ފައިނަލް މެޗުގައި ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޒަކަރިއްޔާ އަބްދުލް ލަތީފެވެ. އޭނާ ވަނީ މެޗުގައި ޓީރެކްސް އަށް 31 ޕޮއިންޓު ހޯދަދީފަ އެވެ.
ރެޑް ލައިން ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 13 ޕޮއިންޓު ހޯދައިދިން މުހައްމަދު ޒިލާލު އެވެ.
މިއަދުގެ ފައިނަލު މެޗަށް ފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ބައްސަވައި ދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާނު އިސްމާއީލު ނޫރައްދީން އެވެ.
މުބާރާތުގައި ބައިވެރިވި 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ރެޑްލައިން ކުލަބުގެ އިސްމާއީލް ވިލްދާން ޔޫސުފް އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސް ބާސްކެޓްބޯލް ކުލަބުގެ ޖާޒީ ނަންބަރު އަށެއް އެކަސޯމީ ކްރިސްޓޮފާ އެވެ.
ފިރިހެން އެއް ވަނަ ޑިވިޒަންގެ ޗެމްޕިއަން ޓީރެކްސް އަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ދޭ ތަށްޓާއި ރަންމެޑަލްގެ އިތުރުން ފައިސާގެ އިނާމު ދިފައި ވާއިރު މުބާރާތުގެ ރަނަރަޕް ރެޑްލައިން ކުލަބަށް ވެސް ވަނީ ރިހިމެޑަލް އާއި ހަނދާނީ ލިޔުމުގެ އިތުރުން ފައިސާގެ އިނާމު ދީފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީ މޭން އޮފިޝިއޭޓިންގް ތައާރަފް ކުރުމުގެ ގޮތުން ކުޅުނު މެޗުގައި ރެފްރީ ކަން ކޮށްފައިވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން ސިވަޝަކްތީ ސެލްވަރާޖް އާއި ގަޔާން ބުދިކާ އާއި ބުންޔާމިން ޔޫސުފަށް ހަނދާނީ ފިލައެއް ދީފައި ވެއެވެ.