28 Dec 2012, 23:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އަމިއްލަ ދަތުރުފުޅެއްގައި މިރޭ މެލޭޝިޔާއަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސްގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން އިލްހާމް ހުސެއިންވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އެ ދަތުރުފުޅާ ގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއްނުވެ އެވެ. އެ ދަތުރުފުޅާ ގުޅޭ ގޮތުން މީޑިއާއަށް ފޮނުވި އެސްއެމްއެސްގައިވެސް ރައީސް އޮފީހުން ބުނެފައިވަނީ އެއީ، "ޕްރައިވެޓް" (އަމިއްލަ) ދަތުރުފުޅެއް ކަމަށެވެ.
ރައީސް މެލޭޝިޔާއަށް ދަތުރުފުޅެއް މި ކުރައްވަނީ މެލޭޝީޔާގެ ބައެއް ޕްރައިވެޓް ކުންފުނިތަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ނުރައްކާވެފައިވާ ދުވަސްވަރެއްގަ އެވެ. މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯޑާ ކޮންޓްރޯލްގެ ޕްރޮޖެކްޓް ހުއްޓާލަން ސަރުކާރުން ވަނީ މިދިޔަ ހަފްތާތެރޭ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓް ހުއްޓާލަން އޭސީސީން މަސައްކަތް ކުރުމުން ސަރުކާރުން ވަނީ އެ ޕްރޮޖެކްޓްގެ މަސައްކަތް ދިފާއުކޮށްފަ އެވެ. އަދި އެ ޕްރޮޖެކްޓް ނެކްސްބިޒާ ހަވާލުކުރުމުގައި އިސްކޮށް ހުރީ ރައީސް ވަހީދުގެ ޅިޔަނު ކުރީގެ އިމިގުރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސެއިންނެވެ. އަދި ޖީއެމްއާރާ އެކު ރާއްޖެ އެއާޕޯޓް ހިންގުމަށް މެލޭޝީޔާގެ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދުންވެސް ހިއްސާވި އެވެ. އެ މައްސަލައިގައި މީގެ ކުރިން މެލޭޝިޔާއިން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.