28 Dec 2012, 23:02
އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި ގުރޫޕް ހަރަކާތްތައް ރާވާ ހިންގާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ގޮސް ބެލިއިރު ތޫނުހަތިޔާރާއި މަސްތުވާތަކެއްޗާ ގިނައަދަދެއްގެ ފައިސާ އެގެއިން ފެނިއްޖެ އެވެ.
ފުލުހުން މިރޭ ބުނީ އިއްޔެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހިތަދޫ އުދާސްގެ ބަލައި ފާސްކުރި އިރު ތޫނުހަތިޔާރާއި ގިނައަދަދެއްގެ ފައިސާތަކަކާއި މަސްތުވާތަކެތި އެގެއިން ފެނިފައިވާއިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ 46 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން އެގެ ބަލާ ފާސްކުރިކުރުމުން އެގޭގެ ބޭރުގައި ހުރި އެޅިގާ ތަކެއްގެ ތެރެއިން އެއް ފޫޓް ހުންނަވަރުގެ ބެނެޓް ވަޅިއެއް ފެނިފައިވާއިރު އެގޭގެ ކޮޓަރިއެއްގެ ތެރޭ ހުރި އަލަމާރިއަކުން ކުޑަ ބެނެޓް ވަޅިއެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެކޮޓަރީގައި ހުރި އެހެން އަލަމާރިއެއްގެ ތެރެއިން 70050ރ. ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމްހުސްކުރި ދަޅެއް އެގޭގެ ގޯތިތެރޭގައި ވަޅުލާފައި އޮއްވާ ފެނިފައިވާއިރު މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ގެންގުޅެފައިވާ ކަމަށް ބެލެވޭ ކުދި ރަބަރު ޕެކެޓްތަކެއްވެސް އެގެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.