28 Dec 2012, 22:43
މ.ރިލީޒްގޭގައި ދިރިއުޅެމުންދިޔަ އަންހެނަކު ވިހެވުމަށްފަހު ހޮވިކުއްޖެއް ކަމަށް ބުނެ ފުލުހުންނާ ހަވާލުކުރި ތުއްތު އަންހެން ކުއްޖާ ބޭނުންވެގެން މިހާތަނަށް ތިން ފަރާތަކުން އެދިފައިވާ ކަމަށާއި ނަމަވެސް އެކުއްޖާ ދުރު އާއިލާއަކާ ހަވާލުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު ވިދާޅުވީ މ.ރިލީޒްގޭގައި ވިހެވުމަށްފަހު ފުލުހުންނާ ހަވާލުކުރި ކުއްޖާއާ މެދު އަމަލުކުރުމަށް ކުރިން ވިސްނާފައިވަނީ ދައުލަތަށް ނަގާ އެހެނިހެން ތުއްތު ކުދިންނެކޭ ވެސް އެއްފަދައިން ކަމަށާއި ނަމަވެސް އެކުއްޖާގެ މަންމަ ހޯދިފައިވާތީ އެންމެ ފުރަތަމަ އިސްކަމެއް ދޭނީ މަންމަ ފަރާތުގެ އާއިލާގައި އެކުއްޖާ ބެލޭނެ ފަދަ ގާބިލު ކަމެއް ހުރިތޯ ބެލުމަށް ކަމަށެވެ.
ރަމީލާ ވިދާޅުވީ އެކުއްޖާގެ މަންމަ މިހާރު ހޯދިފައިވީނަމަވެސް ކައިރި މުސްތަގްބަލެއްގައި އެތުއްތު ކުއްޖާ އޭނާގެ މަންމައާ ހަވާލުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދި މަންމަގެ އާއިލާގެ މީހުން ފިޔަވާ އެހެން ދުރު ބަޔަކާ ވެސް އެކުއްޖާ ހަވާލުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.
"އެއްވެސް ކަހަލަ ބަލާނެ މީހަކު ނެތް އަދި ކުއްޖާއާ ޒިންމާވާނެ މީހަކު ނެތިއްޔާ ދައުލަތަށް އެ ކުއްޖާ މިނަގަނީ، ދެން މަންމަ މިހާރު އެހުރީ އައިޑެންޓިފައިވެފައި. ނަމަވެސް މަންމަ އަދި ހުރީ ފުލުހުންގެ ތަހުގީގުގައި ކަމުގައިވާތީ ކައިރި މުސްތަގުބަލެއްގައި މަންމައަށް ކުއްޖާ ދިނުމުގެ ވިސްނުމެއް ނެތް. މަންމަގެ ސައިކްލޮޖިކަލީ ވެސް ހަދަންޖެހޭ އެސެސްމެންޓައް ހަދައި ވަރަށް ގިނަ ބެލުންތައް ބެލުމަށްފަހު ނޫނީ މަންމައަށް އެކުއްޖާ ދިނުމަށް ނުނިންމަން. އަޅުގަނޑުމެން ފުރަތަމަ އޮޕްޝަނެއްގެ ގޮތުގައި ބަލާނީ މަންމަ ފަރާތުގެ އާއިލާގައި އެފަދަ ގާބިލްކަމެއް ހުރިތޯ، ނަމަވެސް ބޭރުގެ އެއްވެސް އާއިލާއަށް ދިނުމުގެ ވިސްނުމެއް އަދި ނެތް،" ރަމީލާ ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މ.ރިލީޒްގޭ ތެރޭގައި އަންހެނަކު އެކަނިމައި އެކަނި ވިހެވުމަށްފަހު އެގޭ ދޮރުމަތިން ހޮވި ކަމަށް ބުނެ ފުލުހުންނާ ހަވާލުކުރި އެ ކުއްޖާ މިހާރު އޮތީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔަލުގަ އެވެ. އެމައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެކުއްޖާގެ މަންމައާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.