މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ގެދޮރު ކުއްޔަށް ދިނުމުގެ އަގުތައް ނޫނީ ހައުސިންގެ އަގުތައް އަނެއްކާވެސް ވަރަށް ބޮޑަށް މައްޗަށް އުފުލިއްޖެ އެވެ.

އޮކްޓޯމްބަރު މަސް ނިމި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާ ފެށުނުއިރު ބާޒާރުގައި ހައުސިންގެ އަގުތައް ވަނީ ދެ ގުނަ މައްޗަށް ޖެހިފަ އެވެ. ބާޒާރުގައި މިވަގުތު ހައުސިންގެ އަގުތައް ހުރިގޮތަށް ބަލާއިރު އާދައިގެ ފެންވަރުގެ އެއްކޮޓަރީގެ އެޕާޓްމަންޓެއް މާލެއިން ލިބެނީ 10،000ރ. އާއި 15،000ރ. އާ ދެމެދުގެ އަގުތަކުގަ އެވެ. މީގެ ކުރިން އެވްރެޖްކޮށް 9000ރ. އަށް އެއްކޮޓަރީގެ އެޕާޓްމަންޓް ލިބޭނެ އެވެ. މާލޭން ދެކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު މިހާރު އުޅެނީ 13،000ރ. އާއި 15،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެވްރެޖްކޮށް މީގެ ކުރިން 12،000ރ. އަށް ދެ ކޮެޓަރީގެ އެޕާޓްމަންޓް ލިބޭނެ އެވެ، އެވްރެޖްކޮށް ތިން ކޮޓަރީގެ އެޕާޓްމަންޓް މިހާރު އުޅެނީ 17،000ރ. އާއި 20،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ ކުރިން އެވްރެޖްކޮށް 16000ރ. އެ ފެންވަރުގެ އެޕާޓްމަންޓެއް ލިބޭނެ އެވެ. ހުޅުމާލޭން ނާއި ވިލިގިލިންވެސް އެޕާޓްމަންޓްތައް ކުއްޔަށްދޭ އަގުތައް ވަނީ ކުރިން ހުރި އަގަށްވުރެ 2000ރ. ވަރު ބޮޑުވެފަ އެވެ.

"ގާތްގަނޑަކަށް މަހެއްހާ ދުވަސްވެއްޖެ ތަންކޮޅެއް އަގުތައް ބޮޑުވަމުންދާތާންގައި. އެގޮތަށް އަސްލުވަނީ މިހާރު ހަދާ އެޕާޓްމަންޓްތަކުގެ ފެންވަރު ރަނގަޅުވުން، މިސާލަކަށް ލަކްޝަރީ ފެންވަރަށް ހަދާތީ. އެއީ ކޮންމެ ބަޔަކުވެސް އެބަ ބޭނުންވޭ އެކަހަލަ ބޮޑު އިންވެސްޓްމަންޓެއް ކުރާއިރު އެންމެ ރަނގަޅަށް އެކަން ކުރަން. އެކަމަކު އެ ފެންވަރަށް ހެދީމައި މިތަނުގެ މީހުންގެ ލިވިން ސްޑޭންޑަޑާ މި ނުބައްދަލުވަނީ އެގުތައް. އެކަމަކު އިންވެސްޓްމަންޓާ ބަލާއިރު އެއީ ރަނގަޅުއަގެއް،" ރިއަލްއެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އާދައިގެ ފެންވަރުގެ އެޕާޓްމަންޓްތަކުގެ ކުލިތައްވެސް ބޮޑުކޮށް ހަދަނީ އަލަށް ދޫކުރާ އެޕާޓްމަންޓް ތަކުގެ ކުލިތަކަކީ ރިއަލް އެސްޓޭޓްގެ މާކެޓް ޕްރައިޒްކަމަށް ބަލައިގެން ކަމަށާއި އެކަންއެގޮތަށް ދިމާވަނީ ހައުސިން ދާއިރާގައި އުސޫލުތަކެއް ކަނޑައެޅިފައި ނެތުމުން ކަމަށެވެ.

މިއަހަރު ޖެނުއަރީން ފެށިގެން ގިނަ ބާވަތްތަކުން ޑިއުޓީ ކަނޑާލިއިރު އޭގެތެރޭގައި ގެދޮރު އިމާރާތްކުރުމުގެ ގިނަ ސާމާނު ހިމެނޭތީ ހައުސިންގެ އަގުތައް ދަށަށް ހިނގައިދާނެ ކަމަށް އިންޑަސްޓްރީގެ ބޭފުޅުން ލަފާކުރި އެވެ. ނަމަވެސް އެކަމަށް ހެޔޮ ބަދަލުތަކެއް އައިސްފައެއްނުވެ އެވެ. ހައުސިން ދާއިރާގެ އިންފްލޭޝަން އެވްރެޖްގޮތެއްގައި އުޅެނީ 11.27 ޕަސެޓްގަ އެވެ.