ޕީޕީއެމްގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެ މަގާމަށް ވާދަނުކުރަން ނިންމަވައި ނަން އަބުރާ ގެންދަވައިފި އެވެ.

ދިޓީވީ ސްޓޫޑިޔޯގައި މިރޭ ނޫސްވެރިނާއި ބައްދަލުވުމުގައި ނިހާނު އާއި މަހްލޫފް ވިދާޅުވީ އެ ދެ ބޭފުޅުން ނަން އަނބުރާ ގެންދެވީ ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރައްވާ އަބްދުއްރަހީމް އަބްދުﷲ އަށާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ތާއީދު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ނަން އަނބުރާ ގެންދެވަން އެއްވެސް ބޭފުޅަކު އެދިވަޑައިގެންނެވިތޯ ސަން އިން ސުވާލު ދެންނެވުން މަހްލޫފް ވިދާޅުވީ އަދީބުއަށް ތާއީދު ކުރެއްވުމާއި ގުޅޭ މަޝްވަރާތައް އަދީބުއާއެކު ކުރެއްވި ކަމަށާއި އަދި އެހެން ބައެއް ބޭފުޅުންވެސް އަދީބުއަށް ތާއީދު ކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

"އަބްދުއްރަހީމް މިވީ ދުވަސްތަކުގައި ކުރެއްވި މަސައްކަތަށް ބަލާފައި އަބްދުއްރަހީމް އެ ގޮނޑީގައި އިންނަވަން ޖެހޭނެ ގަބޫލު ކުރެވުނު އަމިއްލައަށް. އަދީބު އަކީ ވަރަށް ގާތް ބޭފުޅެއް. އެ ގާތްކަމުގެ ތެރޭގައި މަޝްވަރާތައް ކުރެވުނު. ހަމަ އެކަނި އަދީބެއްނޫން. އެ އިންޑަސްޓްރީގައި (ޓޫރިޒަމް ދާއިރާގައި) ގެ އެކި އެކި ބޭފުޅުންނާ އަޅުގަނޑުމެންނާއި މަޝްވަރާ ކުރެވިފައި އެބަހުރި، އަދީބަށް އެ ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ކަމަށް. އެކި އެކި ސީނިއާ ބޭފުޅުންގެ މަޝްވަރާގެ މަތިން މި ނިންމުން ނިންމީ،" މަހްލޫފް ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ އޭނާ އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށާއި އޭނާ އުއްމީދު ކޮށްގެން ހުންނެވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީމައި އެހެން ބޭފުޅުން ނަން އަނބުރާ ގެންދަވާނެ ކަމަށް ކަމަށެވެ.

"އަޅުގަނޑަށް އޭގެ އެއްވެސް ޕްރެޝައެއް ނާދެ. އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ އަޅުގަނޑާއި މަހުލޫފް ކުރިމަތިލެއްވީމައި ދެން ތިއްބެވި ބޭފުޅުން ނަން ނަންގަވާނެ ކަމަށް. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ނަން ނަންގަވަން އުޅުއްވާކަން ދުރަކުންވެސް ގާތަކުންވެސް ނުވިސްނުން،" މިރޭ ބޭއްވި ލައިވް ނިއުސް ކޮންފަރެސްގައި ނިހާނު ވިދާޅުވި އެވެ.

ސަން އޮންލައިނަށް މިރޭ ދެއްވި އިންޓަވިއުގައި ޒަމީރު ވިދާޅުވީ އޭނާ ނަން އަނބުރާ ގެންދެވީ އެ މަގާމަށް ކުރިމަތިލައްވާ އެހެން ބޭފުޅުންނަށް ފުރުސަތު ދެއްވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އެ މަގާމަށް ކުރިމަތިލާފައި ވަނީ ވަރަށް ގާބިލް ބޭފުޅުންތަކެއް ކަމަށާއި އެގޮތުން އަބްދުއްރަހީމް އަކީ ގާބިލް ބޭފުޅެއްގެ ގޮތުގައި ގަބޫލު ކުރެއްވޭ ކަމަށެވެ.

"ވަރަށް ގާބިލް ބޭފުޅުންތަކެއް އެބަތިބި އެ މަގާމަށް ކުރިމަތި ލައްވާފައި. އަޅުގަނޑުމެން މަޖިލީހުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކުރަން. އަދި ޕާޓީގެ އިންތިހާބުގެ ކަންތައް ތަކުގައިވެސް އުޅެން ޖެހޭނެތީ އަޅުގަނޑު ނަން އަނބުރާ ގެނައީ،" ދާދި ފަހުން ޕީޕީއެމްއަށް ސޮއި ކުރެއްވި ޒަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން ނިހާނާއި މަހްލޫފް ވިދާޅުވީ ދެން އޮންނަ އެ ޕާޓީގެ އިންތިހާބެއްގައި ޕާޓީގެ ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށެވެ.

އަންނަ މަހު ބާއްވާ ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވަން މިހާރު ތިއްބެއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް އަބްދުލްޣަފޫރާއި ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) އެވެ. އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ.