28 Dec 2012, 20:30
އުދުހެމުންދިޔަ ޓްރާސް މޯލްޑިއަންސް އެއާވޭސް (ޓީއެމްއޭ) ބޯޓެއްގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ ދިވެހި ޕައިލެޓަކާއި ޓީއެމްއޭގެ ދިވެހި ޕައިލެޓަކު މިއަދު ކައިވެނިކޮށްފި އެވެ.
ހުޅުލެއިން އުދުހިގެން މީރު ފެންފުށްޓާ ހިސާބަށް ގޮސް އަނބުރާލާފައި ޖެއްސުމަށް ނެގި 15 މިނިޓްގެ ދަތުރުގައި ޓީއެމްއޭ ބޯޓް ތެރޭގައި ކައިވެނިި ކުރީ ރާއްޖޭގެ ދެކުނަށް ނިސްބަތްވާ ދެ ޕައިލެޓުންނެވެ. މިއީ ރާއްޖޭގައި ވައިގެ ތެރޭގައި ދެ ދިވެހިން ކައިވެނި ކުރި ފުރަތަމަ ފަހަރެވެ.
މާލޭ އުތުރުން 1500 ފޫޓް މަތިން ކުރި ކައިވެނީގެ ހަފްލާގައި އެ ދެމަފިރިންގެ މަންމަޔާއި ބައްޕަޔާއި އާއިލާޔާ ބެހޭ ކޯޓްގެ ގާޒީއަކާއި އެނާގެ ދެ ސެކަރެޓަރީން ބައިވެރިވި އެވެ.
ކައިވެނި ކުރި އަންހެން ކުއްޖާގެ ބައްޕަ ބުނީ ވައިގެ ތެރޭގައި ކައިވެނި ކުރުމުން ދަރިފުޅު ހުރީ ވަރަށް އުފާވެފައި ކަމަށެވެ. އެ ދެމަފިރިން ވައިގެ ތެރޭގައި ކައިވެނި ކުރަން ބޭނުންވީ އެ ދެ މީހުން ވެސް ފުރަތަމަ ބައްދަލުވި ކަމަށް ބުނަނީ ވެސް އުދުހެމުންދިޔަ ބޯޓެއްގެ ތެރެއިން ކަމަށެވެ. އަދި ވައިގެ ތެރޭގައި މިއަދު ކައިވެނި ކުރުމަކީ ދެ މީހުން ދެކެމުންދިޔަ ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ.