އެފްއޭއެމް ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕް 2012ގެ ސެމީ ފައިނަލްގައި އިސްކަންދަރު ސްކޫލުގެ ބެލެނިވެރިންގެ ޓީމު (އިސްކަންދަރު) ހަތަރެއް ފަހަކުން ބަލިކޮށް ސަން ހޮޓެލްސް އެންޑް ރިޒޯޓްސް (ސަން) ޓީމު ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން ނެވެ.

މެޗުގައި ސަން ޓީމުގެ ފަސް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާމިނަތު ޒާހިޔާ އާއި، ނާޝިމާ އިބްރާހީމް އާއި، ފާތިމަތު އަފުޒާ އާއި، ފަރަހު އަހްމަދުގެ އިތުރުން އާމިނަތު އީނާސް އެވެ.

އިސްކަންދަރު ޓީމުގެ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ، ފާތިމަތު ސާލިޔާ، ޝީނީޒް މުހައްމަދު، ސިންވާ އަބްދުއްލަތީފު އަދި ފާތިމަތު ޝަބާނާ އެވެ.

މިއަދު ކުޅެވުނު ފޯރިގަދަ ސެމީފައިނަލުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް ފަހު ހާފުގައި ސަންޓީމަށް މެޗުގެ ނަތީޖާ ބަދަލު ކޮށްލާނެ ރަނގަޅު ހަތަރު ވަރަކަށް ފުރުސަތު ލިބުނެވެ.

މިއަދުގެ މެޗަށްފަހު ސަންޓީމުގެ ކޯޗު އިސްމާއީލު އަނިލް ބުނީ "ޕެނަލްޓީ ޖަހައިގެން ނަމަވެސް މެޗުން މޮޅުވުމުން ހިތް ހަމަޖެހޭ. އެކަމަކު ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ ޕެނަލްޓީއާ ހަމައަށް ދާކަށް ނުޖެހުނީސް،" ކަމަށެވެ.

މީގެ އިތުރުން އަނިލް ފާހަގަ ކުރި ގޮތުގައި އަންހެން ކުދިންތަކެއް ވީމައި ކައިރި ކައިރީގައި އެހާ ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ދެޓީމުގެ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވިފަ އެވެ.

އިސްކަންދަރު ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި މުބާރާތަށް ފުރިހަމައަށް ތައްޔާރު ވެވުނުނަމަ މިއަށްވުރެ ނަތީޖާ ރަނގަޅު ވީސް ކަމަށެވެ.

"ކުޅުންތެރިންގެ ކުޅުމާދޭތެރޭ އަޅުގަނޑު ހިތްހަމަ ޖެހޭ. އަސްލު އެންމެ ބޮޑު އެއް މައްސަލައަކީ މުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތުވެސް ކުޑައީ. އަޅުގަނޑުމެންނަށް ޓީމު އެއްކޮށް ޕްރެކްޓިސްކޮށްލަން ލިބުނީ ހަފްތާއެއްހާ ދުވަސް،" ކަމަށެވެ.

އަންހެނުންގެ ފުޓްބޯޅަ މުބާރާތުގައި އެމްއެންޑީއެފް އާއި ސަން ޓީމު ވާދަކުރާ ފައިނަލު މެޗް ކުޅެން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު ހަވީރު 4:15ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ފައިނަލު މެޗު ބަލާލުމަށް ހިލޭ ދަނޑަށް ވަނުމުގެ ފުރުސަތު އެފްއޭއެމް އިން ވަނީ ހުޅުވާލާފަ އެވެ.

ވީޑިއޯ ލިންކް؛ މިއަދުގެ މެޗުން މޮޅުވުމުން ސަން ޓީމް އުފާފާޅުކުރަނީ -- ވީޑިއޯ: ނަވީން ސައީދު