ގާނޫނު އަސާސީގެ ދަށުން ބާއްވާ އެއްވެސް އިންތިހާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާނެ ފަރާތްތައް، ނުވަތަ ފަރާތްތަކެއް ޕާޓީއަކުން ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، އެފަދަ ކެނޑިޑޭޓުން ހޮވާނެ ގޮތް ޕާޓީތަކުގެ އިހްތިޔާރީ ގޮތަކަށް ސިޔާސީ ޕާޓީތަކުގެ ބިލުގައި ކަނޑައަޅައިފި އެވެ.

ގާނޫނު އަސާސީގައި ބުނާ އިންތިހާބުތައް ސިއްރު ވޯޓަކުން ނެގުމަށް މަޖުބޫރުކޮށް، ސިޔާސީ ޕާޓީތަކުގެ ބިލުގައި ކަނޑައަޅާފައިވާ އެ މާއްދާއަށް އިސްލާހު ހުށަހަޅީ ޕީޕީއެމުންނެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދު އަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި އިސްލާހުގައި އިންތިހާބުތައް ސިއްރު ވޯޓަކުން ނެގުމަށް މަޖުބޫރެއް ނުކުރެ އެވެ.

ނަމަވެސް ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލުގެ (17) ވަނަ މާއްދާގެ (ހ)ގައި ބުނަނީ ގާނޫނު އަސާސީގެ ދަށުން ބާއްވާ އެއްވެސް އިންތިހާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ޕާޓީއަކުން ކަނޑައަޅާނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ނެގޭ ސިއްރު ވޯޓަކުން ކަމަށެވެ. ނަމަވެސް އެ މާއްދާއަށް އިސްލާހު ގެނެސް ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ބިލުގައި މިހާރު ބުނަނީ ގާނޫނު އަސާސީގެ ދަށުން ބާއްވާ އެއްވެސް އިންތިހާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާނެ މީހެއް، ނުވަތަ މީހުން ކަނޑައެޅުމަށްޓަކައި ގެންގުޅޭ ހަމަތަކާއި އުސޫލުތައް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާން ކުރަންވާނެ ކަމަށެވެ.

އެ އިސްލާހު ބިލަށް ގެންނަން ފެންނަ ކަމަށް 35 މެންބަރުން ވޯޓް ދެއްވި އެވެ. އެ އިސްލާހަށް ދެކޮޅު ހެއްދެވީ އެމްޑީޕީގެ މެންބަރުންނެވެ.

އެ އިސްލާހާއެކު ސިޔާސީ ޕާޓީތަކުގެ ބިލް ތަސްތީގުކޮށްފިނަމަ ރިޔާސީ ކެނޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީތަކާއި މަޖިލިސް މެންބަރުން ހޮވުމަށް ބާއްވާ ޕްރައިމަރީތަކުގެ ވޯޓް ސިއްރު ކުރަން މަޖުބޫރެއް ނުވާނެ އެވެ. އަދި ލާމަރުކަޒީ ގާނޫނުގައި ބުނާ ކައުންސިލަރު ހޮވާ ޕްރައިމަރީ ވެސް ސިއްރު ކުރަން މަޖުބޫރެއް ނުވާނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ބިލަށް 40 އަށް ވުރެ ގިނަ އިސްލާހު ހުށަހެޅިއިރު، ފާސްވީ 15 އިސްލާހެވެ. ސިޔާސީ ޕާޓީތަކުގެ ބިލަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހުށަހެޅުއްވި ބައެއް މުހިއްމު އިސްލާހުތައް ވެސް މަޖިލީހުން ފާސްވެފައި ނުވެ އެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވީ، ދެ ޕާޓީއެއް ނުވަތަ ގިނަ ޕާޓީތައް އެއް ޕާޓީއެއްގެ ގޮތުގައި އެއްކޮށްލުމަށެވެ. ގާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ދެ ޕާޓީއެއް ނުވަތަ ގިނަ ޕާޓީތަކެއް އެއްކޮށްލުމަށް އެ ޕާޓީގެ ނިންމުންތައް ނިންމާ ގުނަވަނުން، ގައުމީ މަޖިލިސް ނުވަތަ ގައުމީ ހިންގާ ކޮމެޓީ ނުވަތަ ކައުންސިލުން ނިންމައިފިނަމަ އެ ޕާޓީތައް އެއް ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްދޭންޖެހޭނެ އެވެ.

ގާސިމްގެ އެ އިސްލާހަށް ތާއިދު ކުރެއްވީ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޑރ. އަބްދުﷲ މައުސޫމެވެ. އެ އިސްލާހަށް ވޯޓަށް އެހުމުން އިސްލާހާ ދެކޮޅަށް 49 މެންބަރުން ވޯޓް ދެއްވި އެވެ. އެ އިސްލާހަށް ތާއިދު ކުރެއްވީ ޑީއާރްޕީއާއި ޖުމްހޫރީ ޕާޓީގެ 18 މެންބަރުންނެވެ.

ގާސިމް އެގޮތައް އިސްލާހު ހުށަހަޅުއްވާފައިވާއިރު، 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާ ގޮތައް ސިޔާސީ ޕާޓީތަކުގެ ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އެ މައްސަލާގައި ކުދި ޕާޓީތަކުން ވަނީ ކަންބޮޑުވެފަ އެވެ. އިލެކްޝަން ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 30 ޕަސެންޓަކީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމަށްވާއިރު، 10،000 މެންބަރުން ހަމަވާ ޕާޓީގެ ގޮތުގައި އޮތީ އެމްޑީޕީއާއި ޕީޕީއެމްމާއި ޑީއާރްޕީއާއި ޖުމްހޫރީ ޕާޓީ އެވެ.