28 Dec 2012, 16:18
ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑު ހިންގަމުންދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވާ ނަހުލާ އަލީ، ޕީޕީއެމްގެ ކައުންސިލަށް ކުރިމަތިލެއްވުމުން "ދެން" އޭނާއަށް އެމްބީސީ ބޯޑް މެންބަރު ކަމުގައި ހުންނެވިދާނެ ކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެންބަރުން ސުވާލު އުފައްދަވާފައިވާފައިވާ ކަމަށް އެ ކޮމެޓީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ ވިދާޅުވީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ މީޑިއާއެއް ހިންގުމުގެ ޒިންމާ ގާނޫނަކުން ހަވާލުކޮށްފައިވާ އެމްބީސީ ބޯޑް މެންބަރު، ނަހުލާ އަލީ ސިޔާސީ ޕާޓީއެއްގެ ކައުންސިލަށް ކުރިމަތިލެއްވުމުން އޭނާގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެމްބީސީ ބޯޑުގައި ނަހުލާއަށް "ދެން" ހުންނެވުމާމެދު ކޮމެޓީގެ ގިނަ މެންބަރުން ސުވާލު އުފައްދަވައި، އޭނާ އެމަގާމުގައި ނުހުންނެވޭނެ ކަމަށް މެންބަރުން ގަބޫލު ކުރައްވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެމްބީސީ ބޯޑު އުފައްދާފައިވާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ށ)ގައި ބުނަނީ ޕަބްލިކް ބްރޯޑްކާސްޓަރަކީ ސިޔާސީ ނުފުޒާއި އިގްތިސާދީ ނުފޫޒާއި މާލީ ނުފޫޒުން މިނިވަންވެގެންވާ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ ކަށަވަރުކޮށްދޭން ޖެހޭނެ މުއްސަސާއެއް ކަމަށެވެ.
މިނިވަން ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، ނަހުލާ ޕީޕީއެމްގެ ކައުންސިލަށް ކުރިމަތިލެއްވިއިރު، އޭނާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ މިދިޔަ އޮކްޓޫބަރު މަހު ޕީޕީއެމް އޮފީހުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ނަހުލާ ވަނީ އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅަށް 100 މީހުންގެ ފޯމް ވެސް ހަވާލު ކުރައްވާފަ އެވެ.
ސިޔާސީ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ނަހުލާ، ޕީޕީއެމްގެ ކައުންސިލަށް ކުރިމަތިލެއްވި މައްސަލަ ފެންމަތިވަނިކޮށް، ބްރޯޑްކާސްޓިން ކޮމިޝަނާއި އެމްބީސީގެ މެންބަރުން އިއްޔެ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުމަކަށް ނަހުލާ ވަޑައެއްނުގަންނަވަ އެވެ. އެ ބޭފުޅުން ހާޒިރު ކުރެއްވީ ކޮމިޝަންގެ މަސައްކަތާ ގުޅޭ ގޮތުން ކަމަށް އެ ކޮމެޓީގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އެމްބީސީ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކުގައި ނަހުލާ ބައިވެރި ނުކުރުމާމެދު އަންނަ އާދީއްތަ ދުވަހު ބާއްވާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި ގޮތެއް ނިންމުމަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.
ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރާއެކު ނަހުލާ ވަނީ ކެންޕެއިން ފައްޓަވާފަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި އުމަރު ނަސީރުގެ ކެންޕެއިންގައި ޕީޕީއެމްގެ ކައުންސިލްގެ ގޮނޑިއަށް ނަހުލާ ކުރިމަތިލެއްވިކަން އުމަރު ނަސީރު ވަނީ އިއުލާން ކުރައްވާފަ އެވެ. އެ ރޭގެ ޖަލްސާގައި ނަހުލާގެ ތައާރަފެއް ވެސް އުމަރު ވަނީ ދެއްވާފަ އެވެ.
ނަހުލާގެ އިތުރުން އެމްބީސީ ބޯޑްގެ އިތުރު މެންބަރުންތަކެއް ވެސް ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރި ވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.