ބާންގީ (ޑިސެމްބަރ 28): ރިޕަބްލިކް އޮފް ސެންޓްރަލް އެފްރިކާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިން އެގައުމުގެ ވެރިރަށް ބާންގީ އަށް އަރަންފަށައިފި ކަމަށާއި ކޮންމެ ވަގުތެއްގައި އެގައުމުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ޚަބަރު ފަތުރާވަސީލަތްތަކުން ބުނެފި އެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ވެރިރަށް ބާންގީ ހިނގައިދާނެ ކަމުގެ ބިރާ އެކު އެމެރިކާއާއި ވިލާތުގެ ބައެއް ގައުމުތަކުން ވަނީ ބާންގީ ހުންނަ އެގައުމުތަކުގެ އެމްބަސީތައް ބަންދުކޮށް ޑިޕްލޮމޭޓުން އަނބުރައި ގެންގޮސްފަ އެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ޕެޓްރިކް ވެންޓްރީލް ވިދާޅުވީ ސެންޓްރަލް އެފްރިކާގެ ސަލާމަތީ ކަންތައްތައް ހުރިގޮތުން އެމެރިކާގެ ސަފީރާއި ޑިޕްލޮމޭޓުންނާ އެކު އެގައުމުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންގެ ގިނަ ބަޔަކު އެނބުރި މިހާރު އެމެރިކާ އަށް އައިސްފައިވާ ކަމުގަ އެވެ.

ރިޕަބްލިކް އޮފް ސެންޓްރަލް އެފްރިކާގެ ރައީސް ފްރާންސްވާ ބޫޒީރީ ހުންނެވީ ރައްކާތެރި ތަނެއްގައި ސިފައިންގެ ޙިމާޔަތުގައި ކަމަށް ޚަބަރު ލިބެ އެވެ. ސަރުކާރުގެ ދިފާޢުގައި ރައީސް ބޫޒީރީ އާއި އޭނާ އަށް ވަފާތެރި ސިފައިން އެންމެ ފަހު ވަގުތަށް ވެސް ހަނގުރާމަ ކުރާނެ ކަމަށް އޭނާގެ ތަރްޖަމާނަކު ވަނީ ހާމަކުރައްވާފަ އެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ކޯލިޝަންގެ ފަރާތުން ވާހަކަ ދެއްކެވި ކާނަލް ދޮގޮމާ މާރުކުވިއޯ ވިދާޅުވީ ރައީސް ބޫޒީރީ އާއި އޭނާގެ ސަރުކާރަށްއޮތީ 2007ގައި އެކުލަވާލި ސުލްޙައިގެ މުޢާހަދާ ގަބޫލުކޮށް އެމުއާހަދާ ތަންފީޒުކުރުން ނޫނީ އޭނާގެ ވެރިކަން ވެއްޓުމާ ކުރިމަތި ލެއްވުން ކަމުގަ އެވެ.

ދެ ހާސް ހަތެއްގައި އެކުލަވާލި ސުލްޙައިގެ މުޢާހަދާ ގަބޫލުކޮށް ސުލްޙަ ޚިޔާރުކޮށްފި ނަމަ ރައީސް ބޫޒިރީގެ ސަރުކާރު ވައްޓާލުމަށް ޓަކައި ވެރިރަށް ބާންގީގައި ހަނގުރާމަ ކުރަން ގަސްދުނުކުރާ ކަމަށް އިދިކޮޅު ހަނގުރާމަވެރިންގެ ތަރްޖަމާން ވިދާޅުވި އެވެ. ނަމަވެސް އިިދިކޮޅު ހަނގުރާމަވެރިންގެ މިވާހަކަތައް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. ރައީސް ބޫޒީރީގެ ސަރުކާރުން ވަނީ އޭނާގެ ސަރުކާރުގެ ޙިމާޔަތުގައި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަނގުރާމަކޮށްދިނުމަށް ފަރަންސޭސިވިިލާތުގެ ކިބައިން އެދިފަ އެވެ.

ފަރަންސޭސި ސިފައިންގެ ކުޑަ ފައުޖެއް ރިޕަބްލިކް އޮފް އޮފް ސެންޓްރަލް އެފްރިކާގައި މަރުކަޒުކޮށްފައި އޮވެ އެވެ. ނަމަވެސް އެއީ އެގައުމުގައިވާ ފަރަންސޭސި އެންބަސީއާއި ކުންފުނިތައް ފަދަ ފަރަންސޭސި މަސްލަޙަތުތައް ޙިމާޔަތް ކުރުމަށް އޮންނަ ފައުޖެކެވެ. ސެންޓްރަލް އެފްރިކާގެ ސަރުކާރުގެ ޙިމާޔަތުގައި އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި އެފައުޖު ނެރުމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭނާވަނީ ބޭރުގައުމުތަކުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ފަރަންސޭސި ސިފައިން ނުވައްދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރިޕަބްލިކް އޮފް ސެންޓްރަލް އެފްރިކާއަކީ އެފްރިކާގެ މެދުތެރޭގައިވާ ކުޑަ ނަމަވެސް އެއީ ގުދްރަތީ މުއްސަނދިކަން ވަރަށް ބޮޑު ގައުމެކެވެ. އެގައުމުގެ ގުދްރަތީ މުއްސަނދިކަމުގެ ވަރަށް ކުޑަމިންވަރެއް މެނުވީ ބޭނުން ނުކުރެވޭއިރު ރައްޔިތުންގެ ގިނަބަޔަކު ދިރިއުޅެނީ ވަރަށް ފަގީރު އަދި ބިކަ ޙާލުގަ އެވެ. އަހްލީ ހަނގުރާމައާއި ސިޔާސީ ހަމަނުޖެހުމާއި ކޮރަޕްޝަނުގެ ސަބަބުން ގައުމުގެ ޙާލަތު ވަނީ އެންމެ ފަގީރު ޙާލަތުގަ އެވެ. ތަރައްޤީގެ ރޮނގުގައި އެގައުމު އުޅެނީ ދުނިޔޭގެ އެންމެ ދަށުފަންތީގެ ގައުމުތަކުގެ ލެވެލްގަ އެވެ. (ނޫސްއެޖެންސީތައް)