އިސްލާމްއާބާދު (ޑިސެމްބަރ 28): ޕާކިސްތާނުގެ ކުރީގެ ބޮޑުުވަޒީރު އަދި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ކުރީގެ ޒަޢީމާ ބޭނަޒީރު ބުއްޓޫގެ ފިރިހެން ދަރިކަލުން ބިލާވަލު ބުއްޓޫ އެޕާޓީގެ ބޮޑު އެއްވުމެއްގައި ވާހަކަ ދައްކަވައިިފި އެވެ.

ބޭނަޒީރު އަވާހާރަކޮށްލިތާ ފަސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސިންދު ޕްރޮވިންސްގައި ހުންނަ އޭނާގެ ގޭގެ ކައިރީގައި ބޭއްވި ޕީޕީޕީގެ އެތައް ހާސް ބަޔަކު އެއްވި އެއްވުމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ބިލާވަލު ބުއްޓޫ ވިދާޅުވީ އޭނާގެ މަންމަ ބޭނަޒީރަކީ މުޅި ޕާކިސްތާން ފަޚްރުވެރިވާ ޕާކިސްތާނުގެ މަންމަ ކަމަށާއި އެ މަންމަ ވަކިވެގެން ދިޔުމަކީ ގައުމަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަން ފާއިތު ފަސްއަހަރު ތެރޭގައި ހާމަވެގެން ގޮސްފައިވާ ކަމުގަ އެވެ.

ބިލާވަލުގެ ވާހަކާގައި އޭނާގެ ޢާއިލާއަކީ 1947ގައި ޕާކިސްތާނު ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން ލިބުމަށް ފަހު ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި އެންމެ ހަރުދަނާ ދައުރެއް އަދާކުރަމުންގެންދާ ޢާއިލާ ކަމަށާއި ކުރިމަގުގައި ވެސް އެކަން އެގޮތުގައި ދެމިއޮތުމަށް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވާ ކަމަށް ވިދާޅުވި އެވެ. މިއީ، އުމުރުން 24 އަހަރުގެ ބިލާވަލު ޕީޕީޕީގެ މިހާބޮޑު އެއްވުމެއްގައި ފުރަތަމަ ފަހަރަށް ކުރެއްވި ތަޤްރީރު ކަމަށްވެފައި މިތަޤްރީރުގައި އޭނާ ދައްކަވާފައި ވަނީ ސިޔާސީ ވާހަކަތައް ކަމުން މިއީ އޭނާ ޕާކިސްތާނުގެ ސިޔާސީ މައިދާނަަށް ވެދެވަޑައިގަތުން ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައި ގެންދަނީ ސިފަކުރަމުންނެވެ.

އުމުރުން 24 އަހަރުގެ ބިލާވަލަކީ އޭނާގެ މަންމަ ބޭނަޒީރު ބުއްޓޫ އާއި ކާފަ ޛުލްފިގާރުއަލީ ބުއްޓޫ އެކޭ އެއްގޮތަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ތައްލީމު ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ނަމަވެސް އުމުރުން 25 އަހަރު ނުވަނީސް ޕާކިސްތާނުގެ ސިޔާސީ އެއްވެސް މަޤާމަކަށް އޭނާ އަށް ކުރިމައްޗެއް ނުލެއްވޭނެ އެވެ. ބޭނަޒީރު އަވަހާރަ ކޮށްލުމުގެ ފަހަތުގައި ވަނީ ޕާކިސްތާނުގެ ހަތިޔާރުއެޅި ހަރުކަށި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތަށް ނިސްބަތްވާ ބައެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. ތާލިބާނުންނަކީ ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ހުރިި ބިރެއް ކަމަށް އެގައުމުގައި މިހާރު ވެރިކަންކުރާ ޕީޕީޕީގެ ސަރުކާރުން ދެކެ އެވެ.
ބޭނަޒީރު ފަސްދާނު ލެވިފައި ވަނީ ސިންދު ޕްރޮވިންސްގެ ލަރްކަނާ ގަ އެވެ. އޭނާގެ މަޤްބަރާގެ ކައރީގައި ބުއްޓޫގެ ޢައިލާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އިއްޔެ އެއްވެ ބޭނަޒީރާއި އޭނާގެ ބައްޕަ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ޕީޕީޕީގެ ބާނީ ޛުލްފިޤާރު އަލީ ބުއްޓޫގެ ފޮޓޯތައް ހިފައިގެން ބޭނަޒީރުގެ ހަނދާންތައް އާ ކުރަމުން ގެންދިޔަ އެވެ. ބޭނަޒީރު ބައްޕަ ޛުލްފިޤާރު ޢަލީ ބުއްޓޫ އަށް މަރުގެ އަދަބު ދިނީ ޕާކިސްތާނުގެ ކުރީގެ ޢަސްކަރީ ޑިކްޓޭޓަރު ޖެނެރަލް މުޙައްމަދު ޟިޔާއުލް ޙައްޤެވެ. އެއީ ވާދަވެރި ސިޔާސީ ބޭފުޅަކު އަވަހާރަކޮށްލުމުގެ ފަހަތުގައި ބުއްޓޫ ހުންނެވި ކަމުގެ ކުށުގަ އެވެ.
އެއަށް ފަހު އަހަރުތަކެއްގެ ތެރޭގައި ހެލިކޮޕްޓަރެއް ވެއްްޓުމުގެ ޙާދިސާއެއްގައި ޖެނެރަލް ޟިޔާވެސް ވަނީ އަވަހާރަ ވެފަ އެވެ. ޖެނެރަލް ޟިޔާ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އެމެރިކާ ކަމަށް އެދުވަސްވަރު އަޑުއަރައިގެން ގޮސްފައިވެ އެވެ. (ނޫސްއެޖެންސީތައް)