ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އަދި އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއެއްގައި ވެސް 10،000 މެންބަރުންނަށް ވުރެ މެންބަރުން މަދުވާތީ އިއްޔެ މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލްގެ ދަށުން އެ ޕާޓީތައް އުވުމުގެ ފުރުސަތު ވަރަށް ބޮޑުވެއްޖެ އެވެ.

ރާއްޖެ އަށް ސިޔާސީ ޕާޓީ ތައާރަފް ވިތާ އަށް އަހަރު ފަހުން ފުރަތަމަ ފަހަރަށް ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލްގައިވާ ގޮތުން ސިޔާސީ ޕާޓީއެއް އުފައްދަން 10،000 މެންބަރުން ހަމަކުރަން ޖެހޭއިރު ސިޔާސީ ޕާޓީއަކަށް ވަނީ އެންމެ މަދުވެގެން 10،000 މެންބަރުން ހަމަވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރަޖިސްޓްރީކޮށްފައިވާ 16 ސިޔާސީ ޕާޓީގެ ތެރެއިން ބިލްގައި ބުނާ މެންބަރުންގެ އަދަދު ކަމަށްވާ 10،000 މެންބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޑީއާރުޕީ އަދި ޖޭޕީ އެވެ. އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީގައި 46349 މެންބަރުން ތިބީއިރު ދެވަނަ އަށް އެންމެ ގިނަ މެންބަރުން ތިބި ޕީޕީއެމްގައި 22802 މީހުންހިމެނެ އެވެ. އަދި ތިންވަނަ އަށް އެންމެ މެންބަރު ގިނަ ޑީއާރުޕީގައި 22575 މެންބަރު އެބަތިއްބެވެ. ޖުމްހޫރީ ޕާޓީގައި ތިބީ 11154 މީހުންނެވެ.

މެންބަރުން ހަމަނުވާ ޕާޓީތައް ކަމަށްވާ އަދާލަތު ޕާޓީގައި ތިބީ 5881 މެންބަރުން ތިބީއިރު އައިޑީޕީގައި ތިބީ 3113 މެންބަރުންނަށް ވާއިރު އެމްއެސްޑީޕީގައި ތިބީ 1797 މެންބަރުންނެވެ. އެސްއެލްޕީގައި 598 މެންބަރުން ތިބީއިރު ޕީޕަލްސް ޕާޓީގައި ތިބީ 1613 މެންބަރުންނެވެ. އެމްއެންސީގައި 1373 މެންބަރުން ތިބީއިރު ޕީއޭގައި 2101 މެންބަރުން ތިބީއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ، ގައުމީ އިއްތިހާދު ޕާޓީގައި 3219 މެންބަރުން ތިބީއިރު އެމްއެލްޕީގައި 838 މެންބަރުން ތިބެ އެވެ. އަދި ޑީކިއުޕީގައި 2099 މެންބަރުން ތިބީއިރު އެމްއާރުއެމްގައި 1969 މެންބަރުން ތިބެ އެވެ. އަދި އެންމެ ފަހުން ރަޖިސްޓްރީ ކުރި އެމްޑީއޭގައި 3446 މެންބަރުން ތިބެ އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލްގައިވާ ގޮތުން އެ ބިލް ތަސްތީގު ކުރާއިރު 10،000 މެންބަރުން ހަމަނުވާ ޕާޓީތަކުން ވެސް އެ އަދަދަށް މެންބަރުން ހަމަކުރަން ލިބޭނީ ތިންމަހެވެ. އަދި ޕާޓީއެއްގެ މެންބަރުންގެ އަދަދު 10،000 ވުރެ ދަށްވެއްޖެ ނަމަ އިލެކްޝަންސް އިން އެކަން ޕާޓީތަކަށް އަންގަން ޖެހޭއިރު އެކަން އަންގާތާ ތިން މަސްދުވަސް ތެރޭ އެ އަދަދަށް މެންބަރުން ހަމަކުރަންޖެހެ އެވެ. އަދި ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭނީ ވެސް އެންމެ މަދުވެގެން 10،000 މެންބަރުންގެ ސޮޔާ އެކު އެވެ. އަދި ހުށަހަޅާ ފޯމުތަކުގައި ނަމާއި އިނގިލީގެ ނިޝާން އަދި ސޮއި ވެސް ހުރުން ޝަރުތުކުރެ އެވެ.

އެ ބިލްގައިވާ އެހެން ކަންތައްތަކުގެ ތެރޭގައި 25000 މެންބަރުން ހަމަވާ ޕާޓީތަކަށް އިދާރީ އޮފީހެއް ހެދުމަށާއި އޮފީސް ހިންގުމަށް 1000 އަކަފޫޓުގެ ބިމެއް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިދޭން ޖެހެ އެވެ. އަދި އެ ބިމަކީ ކުލިދައްކަން ޖެހޭ ބިމަކަށްވާ އިރު ޕާޓީއެއްގެ މެންބަރުންގެ އަދަދު އެއަށް ވުރެ ދައްވެއްޖެ ނަމަ އެ ބިން އަނބުރާ ސިޓީ ކައުންސިލަށް ނެގޭނެ އެވެ.

އެ ބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ. އެ ބިލް މަޖިލީހުން އިއްޔެ ފާސްވެފައި ވަނީ ޖަލްސާ އަށް ހާޒިރުވި 68 މެންބަރުންގެ ތެރެއިން 64 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސިޔާސީ ޕާޓީތަކުގެ ބިލުން 10،000 މީހުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް ފާސް ކުރުމުން އެއީ ގާނޫނު އަސާސީގައިވާ ފަރުދީ ހައްގަކަށް އަަރައިގަނެވުނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ އަޑުއުފުލަމުންނެވެ.