ލޯ ތޮޅުމާ ބެހޭގޮތުން ދުނިޔޭގެ އެކި ހިސާބުގައި ގަބޫލުކުރާ ބޯދާ ކަންތައްތަކެއް ހުރެއެވެ. އެންމެ މީހުން ގިނަ ދެ ގައުމުކަމަށްވާ އިންޑިޔާ އަށާއި ޗައިނާ އަށް ނަޒަރު ހިންގާލަމާތޯ އެވެ.

ޗައިނާ މީހުން ގަބޫލު ކުރާގޮތުގައި ފިރިހެނެއްގެ ކަނާތު ލޯ ތޮޅުމަކީ އެމީހާ އަށް ރަނގަޅު ކަމެއްވާން އުޅުމުގެ ނިޝާނެކެވެ. ނަމަވެސް އަންހެނެއްގެ ކަނާތު ލޯ ތޮޅުމަކީ ބަދުނަސީބު ކަމެއް ދިމާވާން އުޅޭ ކަމުގެ ނިޝާނެކެވެ. އަންހެނުންގެ ނަސީބު ރަނގަޅުވަނީ ވައަތު ލޯ ތޮޅޭ ނަމައެވެ.

ލޯ ތޮޅުމާއި ބެހޭ ގޮތުން އިންޑިޔާގެ ގަބޫލުކުރުންތައް ޗައިނާ އާއި ވަރަށް ތަފާތެވެ. އިންޑިޔާ މީހުން ގަބޫލުކުރާ ގޮތުގައި އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ވައަތު ލޯ ތޮޅޭނަމަ އެއީ ކޮންމެވެސް ރަނގަޅުކަމެއް ވާން އުޅޭކަމުގެ ނިޝާނެކެވެ. އަދި ކަނާތު ލޯ ތޮޅޭނަމަ ކައިރި މުސްތަގުބަލެއްގައި ބަދުނަސީބު ކަމަކާ ދިމާވާނެއެވެ. ރާއްޖޭގެ ގަބޫލުކުރުންތައްވެސް ހުންނަނީ މިފަދަ ގޮތަކަށެވެ.

މި ގަބޫލުކުރުންތަކަކީ ސައިންސް ގެ ނުވަތަ ބޭސްވެރިކަމުގެ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާ ކޮށްފައިވާ ކަންތައްތަކެއް ނޫނެވެ.

ލޯ ތޮޅުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ގިނަފަރަށް ލޯ ތޮޅެން ފަށާތާ އިރުކޮޅެއްގެތެރޭގައި ރަނގަޅުވި ކަމުގައިވިޔަސް މި އުނދަގުލުގައި އެއް ދުވަސް، ނުވަތަ ހަފްތާއެއް ނުވަތަ އެއަށް ވުރެ ގިނަދުވަސް ވޭތުކުރަންޖެހޭ މީހުންވެސް އުޅެ އެވެ. ލޯ ތޮޅުން ޙައްލު ކުރުމަށްޓަކައި ލޯ ތޮޅެން ދިމާވާ އަސްލު ސަބަބު ހޯދުން މުހިންމެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ލޮލުގެ މަތީ ބޮނޑީގަ އާއި ތިރީގައި ވާ މަސްތައް ތޮޅެން ދިމާވާ މައިގަނޑު 5 ސަބަބެއްވެ އެވެ. އެސަބަބުތަކަށް ބަލައިލަމާ ތޯއެވެ.

ހާސްވެ ކަން ބޮޑު ވުން:

ކަންތައް ތަކާ ހާސްވެ ކަން ބޮޑު ވާންފެށުމުން އަހަރެމެންގެ ހަށިގަނޑު މަސްކަތް ކުރާ ގޮތަށް ބަދަލު އާދެއެވެ. މިގޮތުން ލޯ ތޮޅުމަކީ ވެސް މިފަދަ ބަދަލު ތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. އެހެންވީމާ ހިތް ހަމަ ޖެހިގެން ދިރި އުޅުމަކީ ލޯ ތޮޅުމުން ދުރު ވެވިދާނެ ގޮތެކެވެ.

ވަރުބަލިކަން:

ނިދި މަދުވެ، ވަރުބަލިކަން އިހުސާސް ކުރެވޭނަމަ ލޯ ތޮޅުން އެކަށީގެންވެ އެވެ. ވީމާ ހަމަ ނިދި ލިބުމަކީވެސް ލޯ ތޮޅުމުން ދުރުވެވިދާނެ ގޮތެކެވެ.

ލޮލަށް ބާރުބޮޑުވުން:

މާ ގިނަ އިރު ޓީވީ ނުވަތަ ކޮމްޕިއުޓަރަށް ބެލުމަކީ ލޮލަށް ވަރުބަލިކަން ގެނެސްދޭ ކަމެކެވެ. މީގެ ސަބަބުންވެސް ލޯ ތޮޅުމަށް މަގުފަހިވެ އެވެ. އަދި ނަމްބަރު އައިނު ބޭނުން ކުރާ މީހުންގެ ނަމްބަރު ބަދަލު ވުމުންވެސް ލޮލަށް ކުރާ ބާރު ބޮޑުވެގެން ދިޔުމުގެ ސަބަބުން ލޯ ތޮޅެން މެދުވެރިވެ އެވެ.

ކެފެއިން އެކުލެވޭ ކާ ބޯ ތަކެތި:

ބޭސްވެރިކަމުގެ މާހިރުން ގަބޫލު ކުރާ ގޮތުގައި މާ ގިނައިން ކެފެއިން އެކުލެވޭ ކާ ބޯ ތަކެތި ބޭނުން ކުރުމަކީ ލޯ ތޮޅުމަށް ދިމާވާ ސަބަބެކެވެ. ވީމާ ކެފެއިން އެކުލެވޭ ތަކެތި (ކޮފީ އާއި ސައި ފަދަ ތަކެތި) ބޭނުން ކުރާ މިންވަރު މަދުކޮށްލުމަކީ ވެސް ލޯ ތޮޅުމުން ދުރުކޮށް ދޭނެ ކަމެކެވެ.

ލޯ ހިކިފައި ހުރުން:

އުމުރުން ދުވަސް ވާ ވަރަކަށް ލޮލުގެ ތެތްކަންވެސް ކުޑަވަމުން ދެއެވެ. މީގެ އިތުރުން ބައެއް ކަހަލަ ބޭސް (އެންޓި ހިސްޓަމިން އާއި އެންޓި ޑިޕްރެސަންޓް ފަދަ ބޭސް) ބޭނުން ކުރުމުންނާއި ގިނައިރު ކޮމްޕިއުޓަރު ކައިރީ އިނުމުން ލޯ ހިކޭ ގޮތް މެދުވެރިވެ އެވެ.

ވަރުބަލި ވުމުންނާއި ހާސްކަން އިތުރުވުމުން ވެސް ލޮލުގެ ތެތް ކަމަށް އަސަރުކުރެ އެވެ. މިހެންވާ ކަމުގައި ވަނީ ނަމަ ލޯ ތޮޅުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ލޯ ހިކޭ ގޮތްވާނަމަ އެންމެ ރަނގަޅީ ވީހާވެސް އަވަހަކަށް ލޮލުގެ ޑޮކްޓަރެއްގެ ލަފާ ހޯދައި، ލޯ ތެތްކޮށް ބެހެއްޓުމަށްޓަކައި ބޭހެއް އެޅުމެވެ.

ވަކި ފަރުވާއަކާ ނުލާ ލޮލޮގެ ތޮޅުން ހުއްޓުމަކަށް އައި ކަމުގައިވިޔަސް ދިގު މުއްދަތަކަށް ލޯ ތޮޅޭ ނަމަ ވަރަށް އުނދަގޫވެ އެވެ. މިފަދަ ގޮތަކަށް ލޯ ތޮޅުމުން ސަލާމަތް ވުމަށްޓަކައި ލޯ ތޮޅޭ ސަބަބު ހޯދާ' ރައްކާތެރިވުން އެއީ އެންމެ ބުއްދި ވެރި ގޮތެވެ.

ނަމަވެސް ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއްވާނަމަ ވީހާވެސް އަވަހަކަށް ލޮލުގެ ޑޮކްޓަރަކަށް ދައްކަން ވާނެއެވެ.

• ލޮލުގެ ތޮޅުން ހަފްތާ އަކަށްވުރެ ގިނަ ދުވަހަށް ދިގުލައިގެން ދިޔުން
• ލޯ ތޮޅޭ އިރު ލޯ އެއްކޮށް މެރޭ ގޮތްވުން
• ލޮލާ އެކީ މޫނުގެ އެހެން ބައިތަކުގައި ހުންނަ މަސްތައްވެސް ތޮޅުން
• ލޯ ރަތްވުން، ދުޅަވުން ނުވަތަ ދިޔަފޭބުން