28 Dec 2012, 10:56
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެއް ދައުރު އަދާ ކުރުމުން، "ހިދުމަތުގެ އިނާޔަތު"ގެ ގޮތުގައި ކޮންމެ މަހަކު 12،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށް އިއްޔެ ފާސްކުރި އިމްތިޔާޒްގެ ބިލުގައި ކަނޑައަޅައިފި އެވެ.
ހިދުމަތުގެ އިނާޔަތް ބަޔާންކޮށްފައިވާ އިމްތިޔާޒްގެ ބިލުގެ (8) ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެންބަރަކަށް، މަޖިލީހުގެ މެންބަރެއްގެ މުސާރައިގެ 30 ޕަސެންޓް ދޭންވާނެ ކަމަށެވެ. އެއް ދައުރު އަދާ ކުރުމަށްފަހު މެންބަރަކު މަގާމުން ވަކިވުމުން، ނުވަތަ ދެ ވަނަ ފަހަރަށް އިންތިހާބު ނުވެއްޖެ ނަމަ، މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރަ ކަމަށްވާ، 42،500ރ.ގެ 30 ޕަސެންޓަށްވާ 12،750ރ. އެ މެންބަރަކަށް މަހަކު ލިބިވަޑައިގަންނަވާނެ އެވެ.
މަޖިލީހުގައި ދެ ދައުރު ފުރިހަމަކުރި މެންބަރަކަށް މުސާރައިގެ 45 ޕަސެންޓް ދޭން ޖެހޭނެ ކަމަށް އެ ބިލުގެ (8) ވަނަ މާއްދާގައި ބުނެ އެވެ. އެއީ ދެ ދައުރު އަދާ ކުރުމަށް ފަހު މަޖިލީހުގެ މެންބަރު ކަމުން ވަކިވުމަށް ފަހު، ނުވަތަ އިތުރަށް އިންތިހާބު ނުވެއްޖެ ނަމަ މަހަކު 19،125ރ. އެ މެންބަރަކަށް ލިބިވަޑައިގަންނަވާނެ އެވެ.
ބިލުގައިވާ ގޮތުން ހިދުމަތުގެ އިނާޔަތް ލިބޭނީ 55 އަހަރު ފުރުމަށް ފަހު، ދައުލަތުގެ ވަޒީފާއެއްގައި ނޫޅޭނަމަ އެވެ. މަޖިލީހުގެ ހިދުމަތުގެ އިނާޔަތް ލިބޭ މެންބަރަކަށް ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ދައުލަތުން ދޭކަން ނުޖެހޭނެ އެވެ. އަދި މަޖިލީހުގެ ކޮންމެ މެންބަރަކަށް އޮފިޝަލް ޕާސްޕޯޓެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.
މަޖިލީހުގައި ނެގި ވޯޓް އެއްވަރުވެގެން، ރިޔާސަތުގައި އިއްނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓް ދެއްވެވައިގެން ފާސްކުރެއްވެވި، ބިލުގައިވާ ގޮތުން މަޖިލީހުގެ ރައީސް ކަމަށް އެއް ދައުރު އަދާކޮށްފައިވާ މީހަކަށް މަޖިލީހުގެ ރައީސްއެއްގެ އަސާސީ މުސާރަ ކަމަށްވާ 53،000ރ.ގެ 30 ޕަސެންޓް ލިބިވަޑައިގަންނަވާނެ އެވެ. އެއީ މަހަކު 15900ރ. އެވެ.
އިމްތިޔާޒްގެ ބިލުގައިވާ ގޮތުން މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް ޑިޕްލެމެޓިކް ފާސްޕޯޓް (ރަތް ޕާސްޕޯޓް) ލިބޭނެ އެވެ. އަދި މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މަގާމުން ވަކިވުމަށް ފަހު ވެސް ފަސް އަހަރު ހަމަވަންދެން ދައުލަތުން އޭނާ އަށް ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ދައުރެއްގައި ނައިބު ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް، ނައިބު ރައީސްގެ މަގާމު ފުރުއްވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 51،000ރ. ގެ 30 ޕަސެންޓް ލިބޭނެ ކަމަށް އެ ގާނުނުގައި ބުނެ އެވެ. އެއީ 15300ރ. އެވެ. އަދި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އޮފިޝަލް ޕާސްޕޯޓް ލިބެންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެ އެވެ.
މަޖިލީހުގެ މެންބަރަކު މަގުބޫލް އުޒުރެއް ނެތި މަޖިލީހަށް ހާޒިރުނުވާ ނުވަސްތަކުގެ ފައިސާ މުސާރައިން ކެނޑުމަށް އިއްޔެ ފާސް ކުރި އިމްތިޔާޒްގެ ބިލަށް ހުށަހެޅުމުން ވެސް ފާހެއް ނުވި އެވެ.
ބިލުގެ (7) ވަނަ މާއްދާއަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހަޅުއްވި އިސްލާހުގައި ބުނަނީ ގާނޫނު އަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަނޑައަޅާ މުސާރައާއި އިނާޔަތްތަކަކީ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލައި މަގުބޫލު އުޒުރެއް ނެތި ހާޒިރުނުވާ ދުވަސްތަކަށް ބަލައި އާންމު ކޮމެޓީން ނިންމީ އުސޫލެއްގެ މަތިން އުނިކުރެވިދާނެ މުސާރަ އެކެވެ. އެ އިސްލާހަށް ތާއިދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެ އިސްލާހަކީ މެންބަރުންގެ މުސާރައާއި އިނާޔަތް ކަނޑައެޅުމާ ބެހޭ ގޮތުން އޮތް އިސްލާހެއް ކަމުން، އެ އިސްލާހު ފާސްވުމަށްޓަކައި ގާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި އަގުލަބިއްޔަތު ބޭނުންވެ އެވެ. މަޖިލީހުގެ 77 މެންބަރުންގެ ތިން ބައިކުޅަ ދެ ބައި އަޣުލަބިއްޔަތަކީ 52 މެންބަރުންނެވެ.
ނަމަވެސް އެ އިސްލާހަށް ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 ފެންނަ ކަމަށް ވޯޓް ދެއްވީ 44 މެންބަރުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓް ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ ނުވަ މެންބަރަކު ތިއްބެވި އެވެ. އެ އިސްލާހު ފާސްވުމަށް 52 ވޯޓް ބޭނުންވެ އެވެ.
ނަމަވެސް އެ ވޯޓް ނެގި ވަގުތުގައި މަޖިލީހުގެ ތަޅުމުގައި 70 މެންބަރުން ތިއްބެވި އެވެ. ނަމަވެސް ބައެއް މެންބަރުން ތިއްބެވީ ޖަލްސާއަށް ހާޒިރުވެ، ވޯޓުލާ ސިސްޓަމަށް އެބޭފުޅުންގެ މެންބަރުކަމުގެ ކާޑު ނުޖައްސަވަ އެވެ. އެހެންކަމުން އެ ބޭފުޅުން ވޯޓްގައި ބައިވެރިވީ ކަމަކަށް ސިސްޓަމަކުން ނުދައްކާނެ އެވެ.