28 Dec 2012, 10:50
އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާނީ ޖުމްހޫރީ ޕާޓީގެ 30،000 މެންބަރުންނާ އެކު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ސިލްސިލާ ޖަލްސާތައް ފެށުމުގެ ގޮތުން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ އެ ޕާޓީގެ މަސަކަތުން 30،000 މެންބަރުން ހަމަ ކުރުމަކީ "މާ އުނދަގޫ ކަމެއް ނޫން" ކަމަށެވެ.
"ތިރީސް ހާސް މެންބަރުން ހޯދުމަކީ ދެރަވާންވީ ކަމެއްނޫން. ކޮންމެ މެންބަރަކު އިތުރަށް މެންބަރުން ހޯދިޔަސް އެކަން ވާނެ. އެއީކީ މާ އުނދަގޫ ކަމެއްނޫން. އެކަމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށާނަން،" 11000 މެންބަރުން ތަމްސީލް ކުރަމުންދާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވަނީ ސިޔާސީ ޕާޓީތަކާ ބެހޭ ބިލް ފާސްވުމުން އެ ބިލަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެއިލްވެވަޑައިގެންނެވި ގާސިމް ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުން ފެއިލް ނުވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭންތައް އަންނަ މަހު ފަށާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެއިލެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވާ އިރު ޑީއާރުޕީގެ ޓިކެޓްގައި އަހްމަދު ތަސްމީން އަލީ އަދި އެމްޑީޕީގެ ޓިކެޓްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީގެ ދެ ބޭފުޅަކު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމުގެ ސިގުނަލްތައް ދަނީ ފެންނަމުންނެވެ.