27 Dec 2012, 23:18
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު ރޭވި ކަމަށްބުނެ "ސައިލެންޓް އިންކުއަރީ" ގެ ނަމުގައި ކުރީގެ ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު ނެރުއްވި ރިޕޯޓުގައި ކަންބޮޑުވާ ކަންތައްތަކެއް އެކުލެވޭ ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ދިޔާނާ ނެރުއްވި ރިޕޯޓުގައި ބުނެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށް އެތަށް ބަޔަކު ތިބި ކަމަށެވެ. އަދި އޭގެ ތެރޭގައި ނޮވެމްބަރު ތިނެއްގެ ހާދިސާގައި ނިޔާވި މީހުންގެ ދަރިން ވެސް ހިމެނޭ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެކަން ކުރަން ރާވާފައި ވަނީ އެމްއެންޑީއެފްގެ ހަފުލާއެއްގެ ތެރެއިން ބަޑީގެ ސަލާމް ކުރިއަށްދާ ވަގުތު އެކްސިޑެންޓަކުން ކަމަށްބުނެ ހަށިކޮޅަށް ބަޑިން ހަމަލާ ދީގެން ނުވަތަ ވިހަ ގޭހެއް ބޭނުން ކޮށްގެން ކަމަށް ދިޔާނާގެ އެކުވެރި އެއް ކަމަށްވާ "އެކްސް" ކިޔާ މީހެއްގެ ފަރާތުން އެނގިފައިވާ ކަމަށްވެސް އެ ރިޕޯޓްގައިވެ އެވެ.
އެމްޑީޕީން މިއަދު މާލޭ ސިޓީ ހޯލްގައި ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާއަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވަނީ އެ ރިޕޯޓްގައި ހުރި ކަންތައްތައް ތަހުގީގުކުރަން ގަރާރެއް ހުށަހަޅުއްވައިފަ އެވެ. ބޮންޑާ ގަރާރު ހުށަހެޅުއްވުމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ އެ ގަރާރަށް ތާއީދު ކުރައްވައިފަ އެވެ.
އެ ގަރާރު ފާސްވީ މިއަދުގެ ޖަލްސާއަށް ވަޑައިގެން 38 މެމްބަރުންގެ އިއްތިފާގުން ނެވެ.
އެ ގަރާރުގައި ބުނެފައިވަނީ 2008 ވަނަ އަހަރު ރައްޔިތުންގެ ފުރިހަމަ އަގްލަބިއްޔަތުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް ގަސްތުގައި ރައީސް އަވަހާރަ ކޮއްލުމަށް އެތައް ރޭވުން ތަކެއް ރާވާފައިވާ ކަމަށާއި ގާނޫނީ ސަރުކާރެއް ވައްޓާލަން ރާވަމުން ގެންދިޔަ ބަޔަކު އެކަން ރޭވުމުގައި ޖިނާއީ ކުށްތަކެއް ހިންގާފައިވާ ކަމަށެވެ. ގަރާރު ނިންމާލަމުން ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީން ފެށިގެން ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އެކަން އެކަށީގެންވާ މިންވަރަށް ތަހުގީގު ކޮށްފައި ނުވާތީ ދިޔާނާގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ތަހުގީގުކޮށް ގާނޫނީ ގޮތުން ކުށްވެރިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރަން ކުރެވެންހުރި މަސައްކަތްތައް ކުރުމަށް އެމްޑީޕީން އިގްރާރުވާ ކަމަށެވެ.
އެމްޑީޕީން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ދާއިރާ ތަކަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ކޮންމެ މީހަކުވެސް ޕާޓީއަށް 50 މެންބަރުން ވެއްދުމަށްވެސް ފާސްކުރި އެވެ.