27 Dec 2012, 22:14
ރާއްޖޭގައި ދެ ވަނަ އަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި ޕީޕީއެމްވެ، ޑީއާރްޕީގެ މައްޗަށް ޕީޕީއެމް ކުރި ހޯދައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ޝާއިރުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ދައްކާ ގޮތުން ޑީއާރްޕީގެ މެންބަރުންގެ އަދަދު 25،190 އިން 22،575 އަށް ދަށްވެ، ޕީޕީއެމްގެ މެންބަރުންގެ އަދަދު 17،900 އިން ވަނީ 22802 އަށް މައްޗަށް އަރައިފަ އެވެ. މިއީ ޑީއާރްޕީ ބައިބައިވި ފަހުން އެ ޕާޓީގެ މައްޗަށް ޕީޕީއެމް ކުރި ހޯދި ފުރަތަމަ ފަހަ އެވެ. ޑީއާރްޕީ އުފެއްދެވި އެ ޕާޓީގެ ކުރީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީ ދޫކުރައްވައި ޕީޕީއެމް އުފެއްދެވި އިރު، ޑީއާރްޕީގެ މެންބަރުންގެ އަދަދު 38،000 އަށް ވުރެ ގިނަ އެވެ. ޕީޕީއެމް އުފެއްދި ފަހުން ޑީއާރްޕީ މެންބަރުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް ދައްވާން ފައްޓާފަ އެވެ.
ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތް އިރު، އެ ޕާޓީގެ މެންބަރުން އަދަދު 46،349 އަރަ އެވެ. އެމްޑީޕީ ވެރިކަމުގައި އޮތް އިރު އެ ޕާޓީގެ މެންބަރުންގެ އަދަދު 48،000 އަށް ވުރެ ގިނަ އެވެ. ނަމަވެސް އެ ޕާޓީ ވެރިކަން ބަދަލުވި ފަހުން މިހާރު ވަނީ ހާހަކަށް ވުރެ، ގިނަ މެންބަރުން ވަކިފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުން އާދަޔާ ހިލާފަށް މެންބަރުން އިތުރުވާ ސިޔާސީ ޕާޓީގެ ގޮތުގައި ޖުމްހޫރީ ޕާޓީ ހިމެނެ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 8931 އިން 11،154 އަށް އަރައިފަ އެވެ. މިއަހަރު ފެށުނުއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު 5،000 ވެސް ހަމަނުވެ އެވެ.
އަދާލަތު ޕާޓީ މެންބަރުންގެ އަދަދު 5881 ގައި އޮތް އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީ، ގައުމީ އިއްތިހާދު ޕާޓީގެ މެންބަރުންގެ އަދަދު އަރަނީ 3219 އަށެވެ. ނަމަވެސް ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެމަނިކުފާނު ޕާޓީގެ މެންބަރުންގެ އަދަދު 2000 ވެސް ހަމަނުވެ އެވެ.
މިދިޔަ ހަފްތާގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އެންމެ ފަހުން އެރި ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިވެލެޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރުންގެ އަދަދު އުޅެނީ 3446 ގަ އެވެ.
އެންމެ މަދު މެންބަރުން ތިއްބެވި ޕާޓީއަކީ މަންދު ކޮލެޖްގެ ޗެއާމަން އަދި އެމްޑީޕީ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ ސޯޝަލް ލިބަރަލް ޕާޓީ އެވެ. އެ ޕާޓީގައި ތިއްބެވީ 598 މެންބަރުންނެވެ. އިބްރާ ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ރާއްޖޭގެ އަންދާޒާ ކުރެވޭ 350،000 މީހުންގެ އާބާދީގެ 130،927 މެންބަރުން ތިއްބެވީ ސިޔާސީ ޕާޓީތަކުގަ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 37.40 ޕަސެންޓެވެ.
މިއަދު މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލުގައިވާ ގޮތުން 10،000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އެ ބިލް ތަސްތީގު ކުރާތާ ތިން މަސް ފަހުން އުވޭނެ އެވެ. ތިން މަހުގެ ތެރޭގައި އެ އަދަދަށް މެންބަރުން ހަމަނުވާ ނަމަ އެ ޕާޓީތައް އުވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ބިލުގައިބުނެ އެވެ.
ނަމަވެސް އެ ބިލް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ތަސްތީގުކުރައްވައި ގެޒެޓް ކުރެއްވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރުންގެ އަދަދު 10،000 ހަމައެއް ނުވެ އެވެ.