ބ. އަތޮޅުން މާލެއަށް ދަތުރުކުރި ދޯންޏެއް މިރޭ އެއްލައިދޫ ރިސޯޓުގެ ފަރަށް އަރައިފި އެވެ.


އެމްއެންޑީއެފުން ބުނީ ދިވެއްސަކާއި ތިން ބިދޭސީން ބ. މާޅޮހުން ފުރައިގެން މާލެއަށް ދަތުރުކުރި "ޝާކް1"، އއ. އެއްލައިދޫ ރިސޯޓުގެ ފަރުމައްޗަށް އުރުނީ މިރޭ 7:25 ގައި ކަމަށާއި މިހާދިސާގައި އެއިން މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.


މި ދޯންޏަކީ ބަގީޗާ ގަސް ބަރުކޮށްގެން މާލެއަށް ދަތުރުކުރި ދޯންޏެކެވެ.


ސިފައިން ބުނީ ދޯނި ފަރަށް އެރުމުން އެއްލައިދޫ ރިސޯޓުން ދޯންޏަށް އެހީތެރިވެދީފައިވާ ކަމަށާއި ނަމަވެސް އެ ސަރަހައްދުގެ ކަނޑު ގަދަކަމުން ދޯންޏާ ކައިރި ކުރެވޭވަރު ނުވާ ކަމަށެވެ. ދޯނި ސަލާމާތް ކުރަން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.


ސިފައިން ބުނީ އުރުނު ދޯނި މިހާރު އޮތީ އެއްލައިދޫ ރިސޯޓުގެ ފަރުމައްޗަށް ނަގިލިލައިގެން ކަމަށެވެ. 


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި މަސް ނިމެންދެން ދިގުލައިގެންދާނެ ކަމަށާއި މި ވިއްސާރައިގަ އުތުރާއި މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި މޫސުމް ގޯސްވާނެތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ދަނީ މިހާރު ވެސް އިންޒާރު ކުރަމުންނެވެ.