މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ލ. އެޓޯލް ސްޓާ ބަލިކޮށް ސިފައިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުން ސިފައިން ކާމިޔާބު ކުރީ 3-2 ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ސިފައިންގެ ޓީމުންނެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ސިފައިންގެ ޓީމަށް ލީޑް ނަގައި ދިނީ މެޗުގެ ކްއީން އޮފް ދަ މަގާމަށް ހޮވުނު ފަދުވާ ޒާހިރެވެ.

މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ރިކޯޑް ދަމަހައްޓަމުންދާ ސިފައިންގެ ޓީމުން ޖެހި ދެ ވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި މަރިޔަމް މިރުފަތު ކާމިޔާބު ކުރި އިރު، ސިފައިންގެ ޓީމުން ޖެހި ތިން ވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އާމިންތު އަޒީމާ އެވެ.

މިއަދުގެ މެޗުގައި ލ. ސްޓާ ޓީމުން ޖެހި ދެ ލަނޑު، އެޓީމަށް ކާމިޔާބު ކޮށްދިނީ އައިޝަތު ސާލީ އާއި އައިޝަތު ސަމާއެވެ.

ސިފައިން ފައިނަލްގައި ކުޅޭނީ މާދަމާ ހަވީރު 4:15ގައި އިސްކަންދަރާއި ސަން ބައްދަލުކުރާ މެޗުން މޮޅުވާ ޓިމަކާ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 30 ވާ އާދިއްތަ ދުވަހުގެ ހަވީރެވެ.