27 Dec 2012, 21:06
ވިސާ ހޯދަން ހައިކޮމިޝަނުން ދޫކުރަމުން އައި ނަމްބަރު ފޮރިން މިނިސްޓްރީން ދޫކުރާ ގޮތަށް ނިންމާ ވިސާ ނަމްބަރު ހޯދުމަށް ފަސޭހަވާނެ އިންތިޒާމްތަކެއް ފޮރިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިސާ ނެގުމަށް އިންޑިއަށް ހައިކޮމިޝަނުން ދޫކުރަމުން އައި ނަމްބަރު ފޮރިން މިނިސްޓްރީން ދޫކުރާ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސާ އެކަމުގައި ވިސާއަށް ނަގަން ފަސޭހަވާނެ ގޮތަކަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އިންޑިއާ ވިސާއަށް އެދޭ ފަރާތްތަކުން ނަންނޯޓު ކުރަން ޖެހޭނީ، "7794601" ނަމްބަރަށް ނަމާއި އައިޑީކާޑް ނަމްބަރާއި އަދި ޕާސްޕޯޓް ނަމްބަރު އެސްއެމްއެސްކޮށްގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ނަންނޯޓު ކުރުމަށް އެސްއެމްއެސް ކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ކުން މެންދުރު 12:00 ކަމަށެވެ.
"އެސްއެމްއެސް ފޮނުވާ ތަރުތީބުން މިނިސްޓްރީން އެބޭފުޅަކާ ގުޅާ އެ ބޭފުޅަކަށް ލިބޭ ޓޯކަން ނަމްބަރު ދަންނަވާނެ،" ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ނަމްބަރު ދޫކުރާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އަކާއި 10:30އާ ދެމެދު ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ އިންތިޒާމުތައް ހަމަޖެއްސީ އިންޑިއާ ވިސާގެ މައްސަލަ ހައްލުކުރުމަށް އިންޑިއާ ހައިކޮމިޝަނާ އެކު ކުރިއަށް ދިޔަ ވާހަކަތަކުގައި ދެ ފަރާތުން އެއްބަސްވެގެން ކަމަށާއި އެކަމުގެ ސަބަބުން ވިސާ ނެގުމަށް ނަމްބަރު ދޫކުރުން ފަދަ ކަންތައްތަކުގައި އިންތިޒާމްތަކެއް ހަމަޖެހި އުސޫލުތަކެއް ކަނޑައެޅިގެން ދިޔުމުން އާންމުންނަށް ފަސޭހަވާނެ ކަމަށެވެ.
"ވިސާ މައްސަލައިގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ފަސޭހަގޮތްތަކެއް ހަމަޖެއްސުން މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ،" އޮފިޝަލް ވިދާޅުވި އެވެ. "މީގެ ސަބަބުން ކިއުއަށް ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ،"
މީގެ ކުރިންވެސް ފޮރިން މިނިސްޓްރީން ކުރި މަސައްކަތުން ވިސާއަށް އެދޭ 40 ނަމްބަރު ދުވާލަކު ދޫކުރަމުން ދިޔަ ނަމަވެސް މިހާރު މެޑިކަލް ވިސާއަށް އެކަނިވެސް 53 ނަމްބަރު ހައިކޮމިޝަނުން އަންނަނީ ދޫކުރަމުންނެވެ.
ދިވެހިންނަށް އިންޑިއާއިން ވިސާ ލިބުމުގައި އޮންނަ ލުއިތައް ނެގުމަށް ފަހު އަންގާފައިވަނީ އިންޑިއާ އަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ޓޫރިސްޓެއްގެ ގޮތުގައި އެގައުމަށް ދަތުރުކުރާ ދިވެހިން ފިޔަވައި އެހެން ފަރާތްތަކުން އާއިލީ އެކި އެކި ބޭނުންތަކަށާއި ބޭސްފަރުވާ އަށާއި ވިޔަފާރި އަށް ނުވަތަ ރަސްމީކަންކަމުގައި އިންޑިއާ އަށްދާ ނަމަ "ފެމިލީ ވިސާ"، "މެޑިކަލް ވިސާ"، "ބިޒަނަސް ވިސާ،" ނުވަތަ "އޮފިޝަލް ވިސާ" ނަގަން ޖެހޭނެ ކަމަށެވެ. ފޮރިން މިނިސްޓްރީންވެސް އެކަމަށް ވަނީ މީގެ ކުރިން އިލްތިމާސްކޮށްފަ އެވެ.
އެ އިއުލާނާ އެކު ހައިކޮމިޝަން ކުރިމަތީ ގިނަ ބަޔަކު ކިއޫވެސް ހަދައެވެ. އަދި ކިއުދިގުވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ ހައިކޮމިޝަން ކުރިމަތީ ސިޓީ ކައުންސިލުން ވަނީ ޓެންޓެއްވެސް ޖަހާފަ އެވެ.